29 Apr 2014, 16:46
ގަވައިދާއި ހިލާފަށް ހަދާފައިވާ އިމާރާތްތަކުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި ބޭނުން ކުރުމުގެ ހުއްދައަށް އެދޭ ގިނަ އިމާރާތްތައް ހަދާފައި ހުންނަނީ ގަވައިދާ ހިލާފަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިއަދު މެންދުރުފަހު މާލެ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ޗީފް އާކިޓެކްޓް އަބްދުލް މުއީދު ހަސަން މިއަދު ވިދާޅުވީ އިމާރާތެއް ކުރާއިރު ގަވާއިދުތަކަށް ވިސްނާނުލާ ކަމަށާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ އިމާރާތްތަކުގެ 50 ޕަސެންޓަކަށްވުރެ ގިނައީ ގަވައިދާއި ހިލާފަށް އިމާރަތްކޮށްފައިވާ ތަންތަން ކަމަށެވެ. އަދި ގިނަ އިމާރަތްތައް ހަދާފައި ހުންނަނީ ވެރިފަރާތަށް ފައިދާވާއިރު އިމާރާތް ކުއްޔަށް ހިފާ ފަރާތަށް ގެއްލުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައަކީ މިހާރު ދެން ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. މިތަނަށް ހުއްދަތަކަށް އެދިފައި ހުރި ތަންތަނުގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތައަށްވުރެ ގިނަ ތަންތަނަކީ ގަވައިދާއި ހިލާފަށް ހެދާފައި ހުންނަ ތަންތަން. މާލެ ތޮއްޖެހިފަ އޮންނައިރު މީހުން ނުބަލާ ގަވައިދަކަށް. ބޯހިޔާވަހި ކަމަށް މީހުން ބޮޑަށް ސަމާލުކަން ދެނީ،" މުއީދު ވިދާޅުވި އެވެ.
ވިދާޅުވީ އެންމެ ބޮޑަށް ފާހަގަކުރެވީ ގަވައިދުގައި ބުނެފައިވާ މިންވަރަށް ވުރެ އުސްކޮން އިމާރާތްތައް އަޅާފައިހުރުމާއި އިމުގައި ދޮރުފަތްތައް ހަރުކޮށްފައި ހުންނަ މައްސަލަ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރު، ޝިފާ މުހައްމަދު ވިދާޅުވީ މާލެގައި ގެތައް ހުންނަ ގޮތުން ގޯއްޗެއްގެ ބިތްދަށުގައި ހުންނަ އިމާރާތް ނެގެނީ ވަކި ހުސްމިނަކަށް ވާތީ އެބައި ލިބޭ ފާރާތަކަށް ވެސް ދަތި ތަކެއް ހުރި ކަމަށެވެ. އަދި ގަވައިދުގައި ބުނެގައިވާ ވަރަށް އުސްކޮން އިމާރާތްކޮށްފައިވާ ފަރާތްތަކަށް ހައްލެ ހޯދަދިނުމަށް ކައުންސިލްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.