އަލަށް ފާސްކޮށްފައިވާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނީލު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގާނޫނުލް އުގޫބާތާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ހިޔާލު ބަދަލުކުރުމަށް ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

" ... ކުރިއަށް އެއް އަހަރު އެބަ އޮތް އަޅުގަނޑުމެން މި ގާނޫނުލް އުގޫބާތަށް އަމަލުކުރަން ތައްޔާރުވުމަށް ޓަކައި. ހަމަ މިހެން ދެންނެވުމާ އެކީގައި ދަންނަވާލަން ބޭނުންވޭ، އެއް އަހަރަކީ އެހާ ދިގު މުއްދަތެއްނޫން ކުރަން ހުރި މަސައްކަތްތަކަށް ބަލާއިރު،" އަނިލް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ބައެއް ކަންތައްތައް އަނިލް ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ ގާނޫނުލް އުގޫބާތަށް ގެންނަން ޖެހޭ ބަދަލުތަކާއި އެއާ ގުޅުން ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ އެފަދަ އެއް މަސައްކަތް ކަމަށެވެ.

ގާނޫނުލް އުގޫބާތާއި ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ސަބަބަކީ އެގާނޫނު އެކުލަވައިލީ މީގެ 10 އަހަރު ކުރިން ކަމަށް ވެފައި، އޭގެ ފަހުން ރާއްޖެ އަށް ދުސްތޫރީ ބޮޑެތި ބަދަލުތަކެއް އައިސްފައި ވުން ކަމަށް ވެސް ވިދާޅުވި އެވެ.

"... ތަސްދީގު ކުރެއްވުމާ އެކީގައި ވެސް އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި އެގާނޫނާ ގުޅިގެން. އެ ގާނޫނު ތަސްދީގު ކުރެއްވި އިރު ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ހުރި ބައެއް ކަންތައްތައް ހިމެނޭ. އަދި އެގާނޫނުގައި ވެސް ހިމެނޭ ބައެއް ކަންތައްތައް އެބަހުރި. އެއީ އެގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ނުވަތަ ބަދަލުތަކެއް ހުރުމާ އެކީގައި. މައިގަނޑު އެއް ސަބަބަކީ އެގާނޫނު އެކުލަވައިލީ މީގެ 10 އަހަރު ކުރިން ކަމަށް ވާތީ، އޭރުގެ ހިޔާލުތަކާއި ވިސްނުންތަކާއި އޭރު ދިވެހިރާއްޖޭގައި ކުށްތައް ކުރެވެމުން އައި ވައްޓަފާޅި އާއި އޭރުގެ ދުސްތޫރީ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިއަދު މިވަނީ އައިސްފައި،" އަނިލް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ސުޕްރީމްކޯޓްގެ ބައެއް ފަނޑިޔާރުންނާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވަޑައިގެންނެވި އެވެ. އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިޝަލުނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) މެމްބަރުން ވެސް ވަޑައިގެންނެވި އެވެ.