ނައިޓް މާކެޓް ބޭއްވުމަށް ގޯ މިޑިއާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންދިއުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގި ނަމަވެސް އެ އެއްބަސްވުން ބާތިލް ނުކޮށް ކުރިއަށް ގެންދިއުމަށް ގާނޫނީ ލަފާ ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ސިވިލް ސާވީސްގެ ހެޑް އަލީ ނަސީރު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާ އެކު ގޯ މިޑިއާއިން ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަތަކެއް ފެންމަތިކުރަމުންދާތީ "ވޮލެންސް ލޯޔަސް" އިން އެ ކައުންސިލަށް ގާނޫނީ ލަފާ ހޯދާފައިވާ ކަމަށެވެ. އޭނާ ވިދާޅވީ ދެ ފަރާތުންވެފައިވާ އެއްބަސްވުމެއް ބާތިލްކުރުމަށް އޭސީސީއަށް ނޭންގޭނެ ކަމަށް ބުނެ ސިޓީ ކައުންސިލަށް ގާނޫނީ ލަފާލިބިފައިވާ ކަމަށެވެ.

" އަޅުގަނޑުމެންނަށް ގާނޫނީ ލަފާދެއްވާފައި އޮތް ބޭފުޅުން މި ވިދާޅުވަނީ އެ އެއްބަސްވުމަށް އެއްވެސް ބުރުލެއް އަރާފައިނެތޭ. އަޅުގަނޑުމެންނަށް އެ އެއްބަސްވުން ކުރިއަށް ގެންދެވޭނެ ކަމަށް ލަފާ ދެއްވާފައިވަނީ. އެއީ ދެ ފަރާތުންވެފައިވާ އެއްބަސްވުމެއް ހުއްޓުވަން އޭސީސީއަށް ނޭނގޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ،" ނަސީރު ވިދާޅުވި އެވެ.

މިއަދު މެންދުރުފަހު މާލެ ސިޓީ ކައުންސިލް ހޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ގާނޫނީ ލަފާ ލިބިފައިވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުން ނިންމާފައިހުރި ބައެއް ނިންމުންތަކުގެ މައްޗަށްވެސް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

ޝިފާ ވިދާޅު،ވީ ގޯ މިޑިއާއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ކުރީގެ ކައުންސިލްގެ އެންމެ މެންބަރަކު ނިންމުމަށްފަހު އޭސީސީއަށް އަންގާފައިވާކަމަށާއި އެކަން އޭސީސީގެ ސަމާލުކަމަށް މިހާރުގެ ކައުންސިލުންވެސް ގެނެސްފައިވާނެ ކަމަށެވެ.

އޭސީސީ އިން ބުނެފައި ވަނީ، މާލޭ ސިޓީ ކައުންސިލުން ނައިޓް މާކެޓް ހިންގުމަށް ގޯ މިޑިއާއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަން ކުރީގެ ކައުންސިލުން އޭސީސީ އަށް އަންގާފައިވާ ކަމަށާއި އެ އެންގުމާ ހިލާފަށް އަމަލުކުރާނަމަ އެއީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.

އޭސީސީ އިން ބުނީ، މާލޭ ސިޓީ ކައުންސިލުން ނައިޓް މާކެޓް ހިންގުމަށް މިދިޔަ އަހަރު ގޯ މިޑިއާއާ އެކު ފަސް އަހަރު ދުވަހަށް ވެފައިވާ އެ އެއްބަސްވުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 19 ވަނަ ދުވަހު އުވާލިކަން އެ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މާލޭ ސިޓީ ކައުންސލުން އެކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އަދި އެއްބަސްވުން އުވާލިކަން އެންގުމަށް ގޯ މިޑިއާއަށް ފޮނުވި ސިޓީގެ ކޮޕީ ވެސް އޭސީސީ އަށް ސިޓީ ކައުންސިލުން ފޮނުވި ކަމަށް އެ ބަޔާންގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު މާލޭ ސިޓީ ކައުންސިލުން ނައިޓް މާކެޓް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކުރުމުން ޕްރޮޕޯސަލް ހުށަހަޅަހަޅާފައިވާ އެކި ފަރާތްތަކަކީ އެއްބަޔަކު ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތަކެއް ކަމަށާއި އަދި އެކި އަގުތައް ހުށަހަޅާފައި އޮތީ ވާދަވެރިކަން ދެއްކުމަށް ކަމަށް އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސިީން ވަނީ ބުނެފަ އެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަނެ އިވެލުއޭޓް ކުރީ އޭގެ މިންގަނޑު ބަދަލުކޮށްގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ، ގޯ މީޑިއާ އަށް ތަޖުރިބާގެ ބަޔަކަށް ކަނޑައެޅިފައިވާ ފުލް މާކްސް ދީފައިވާ އިރު އެ ކުންފުނިން ތަޖުރިބާގެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ އެއީ ނައިޓް މާކެޓް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނު ކުރުމުގެ އަށް ދުވަސް ކުރިން އުފައްދާފައިވާ ކުންފުންޏެއް ކަން އެ ކޮމިޝަނުން ކުރި ތަހްގީގުން އެނގޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.