މޯލްޑިވިސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އެކައުންޓުތައް ފްރީޒް ކުރުމަށް ފަހު އެ އެކައުންޓްތައް ހުޅުވުމުގެ ހުއްދަދީ، ހުޅުވައިފި އެވެ.

މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ގާނޫނީ ވަކީލު ނަދީމު އިބްރާހިމް ވިދާޅުވީ ސިވިލް ކޯޓުން މިއަދު އެ ކުންފުނީގެ އެކައުންޓްތައް އަން ފުރީޒް ކުރުމަށް އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި އެ އަމުރު ނެރުނީ ސިވިލް ކޯޓުން އިއްޔެ އެންގި ގޮތަށް އަމަލުކުރުމަށް ޝަރުތުކޮށްފައި ކަމަށް ވެސް ނަދީމު ވިދާޅުވި އެވެ.

މިފްކޯގެ އެކައުންޓުތައް ފްރީޒްކުރުމުގެ އަމުރު ސިވިލް ކޯޓުން އިއްޔެ ނެރެފައި ވަނީ އެ ކުންފުނީގެ ދަށުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ހިންގަމުން އައިއިރު އެތަނުގެ މުވައްޒަފަކު ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިރުމުން އޭނާ އަށް އަލުން ވަޒީފާ ދިނުމާ އެކު މުސާރައާ އިނާޔާތްތައް ދިނުމަށް އެ ކޯޓުން ކުރި ހުކުމަށް ތަބާވެފައިނުވާ މައްސަލައާ ގުޅިގެންނެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމައްސަލާގައި ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެގޮތުން އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ އިރު މިފްކޯ އަށް ޗިޓް ހަވާލުކޮށްފައިނުވާ ކަމަށް ވެސް ނަދީމު ވިދާޅުވި އެވެ. އަދި އެ އަމުރު ހައި ކޯޓްގައި އިސްތިއުނާފް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ބުންޔާމީން ވިދާޅުވީ ސިވިލް ކޯޓްގެ އެކުމުގެ ސަބަބުން މިފްކޯއަށް "ބުނަން ނޭނގޭ ވަރުގެ ގެއްލުމެއް ވެފައިވޭ" ކަމަށެވެ.

ކޫއްޑޫގައި ވަޒީފާ އަދާކުރަމުންދަނިކޮށް ގއ. ވިލިނގިލީ ކޯޒީގޭ އާސިފް އަހްމަދު 2008 ވަނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ވަޒީފާ އިން ވަކިކުރުމުން އާސިފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ފަހު ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދިނުމާ ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ އެންމެހައި ފައިސާ 30 ދުވަހުގެ ތެރޭގައި ދިނުމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.