ސިވިލް ސާވިސްގެ ގަވާއިދުގެ ޑްރާފްޓަށް ހިޔާލު ހުށަހެޅުމުގެ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ސިވިލްސާވިސްގެ ޓްރޭނިން އިންސްޓިޓިއުޓްގައި މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ އެ ބައްދުލުވުމަކީ މިހާރު އެކުލަވާލާފައިވާ ގަވާއިދު އިސްލާހު ކުރުމުގައި، ސީއެސްސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދާ ބައްދަލު ވުމެކެވެ.

މިހާރު އެކުލަވާލާފައިވާ ސިވިލްސާވިސްގެ ގަވާއިދުގެ ޑްރާފްޓް ވަނީ 24 އޭޕްރީލްގައި އާންމުކޮށް ކޮމެންޓަށް ހުޅުވާލާފަ އެވެ.

ތިން އަހަރު ދުވަހުގެ ތެރޭ އެކުލަވާލި ޑްރާފްޓް، ހިޔާލު ހޯދުމަށް ހުޅުވާލި މިއީ ދެވަނަ ފަހަރު ކަމަށް ސީއެސްސީން ބުނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި ފަހުން އެކުލަވާލި ގަވާއިދުގެ ޑްރާފްޓަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

ސީއެސްސީގެ މަސްއޫލު ކޮންމެ އޮފީހަކުން ވެސް ފަސް ބޭފުޅަކު ބައިވެރިވާ އެ ބައްދަލުވުމުގައި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި އެޗްއާރުއެމްޑީ ކޮމެޓީގެ މެމްބަރުންނާއި ރަށްރަށުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިވެ އެވެ.

މިއަދުގެ އެ ބައްދަލުވުމަކީ އަންނަ މަހުގެ އެއްވަނަ ދުވަހު ފާޙަގަ ކުރާ ސިވިލްސާވިސް ދުވަހާ ގުޅޭ ހަރަކާތެއް ކަމަށް ސީއެސްސީން ބުނެ އެވެ.