29 Apr 2014, 14:17
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިއަދު ރައީސް އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި އިޤްތިޞާދީ ދާއިރާ އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ގައުމުގެ އިގްތިޞާދީ ޙާލަތު މިހާރަށް ވުރެ ރަނގަޅު ކުރެއްވުމަށް ޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު، އެމެރިކާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވި އެވެ.
އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަދި މުސްތަޤްބަލަށް ރޭވިފައި ހުރި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވި އެވެ. މީގެއިތުރަށް، ރާއްޖެ އިން ބޭނުންވާ ކަންކަމުގައި އެމެރިކާ ސަރުކާރުން ދިވެހި ސަރުކާރަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.