ރާއްޖޭގެ ތަކެތީގެ އަގުތައް ނުވަތަ އިންފުލޭޝަން ރޭޓް އަހަރެއް ތެރޭގައި 2.23 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 2.23 ޕަސެންޓް މަތީގަ އެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން ރޭޓަށް ބަލާ އިރު އެ އަދަދު ވަނީ 3.34 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް މައްޗަށްގޮސްފައިވާ ބައިތަކަށް ބަލާ އިރު ކާބޯތަކެތީގެ ބައިން 1.46 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ސިއްހީ ހިދުމަތުގެ ބައިން ވަނީ 12.48 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

މާޗް މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ދުންފަތުގެ ބައިން 0.81 ޕަސެންޓް އަދި މުއާސަލާތީ ހިދުމަތުގެ ބައިން 1.35 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

މިދިޔަ މާޗް މަހުގެ އިންފްލޭޝަން 0.59 ޕަސެންޓް ދަށަށް ގޮސްފައިވާއިރު އެ މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ އަގު މައްޗަށް ގޮސްފައި ވަނީ ކިރާއި ޗީޒް އަދި ބިހުގެ ބައިންނެވެ. އެގޮތުން އެބައިން 0.17 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ހަރުމުދަލުގެ ބައިން 0.48 ޕަސެންޓް އަދި ގޭގޭ ކުލީގެ ބައިން 0.27 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.