29 Apr 2014, 12:10
ވައިގެ ދަތުރެއްގެ މެދުން ގެއްލޭ ފަދަ ގޮތަކަށް މަތިންދާބޯޓެއް އުފެއްދިކަމުގެ ޒިންމާ ބޯއިން ކުންފުނިން އުފުއްލަން ޖެހޭނެ ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަހާތީރު މިހެން ވިދާޅުވީ، މަތިންދާބޯޓް އެމްއެޗް 370 ގެއްލުނު ހާދިސާއާ ބެހޭ ގޮތުން ހިޔާލުފާޅުކުރައްވައި އަމިއްލަފުޅު ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގަ އެވެ. އެލިއުން މެލޭޝިއާގެ ބައެއް ނޫސްތަކުގައި ވެސް ފަހުން ވަނީ ޝާއިއުކޮށްފަ އެވެ.
" ވައިގެ ދަތުރެއްގެ މެދުން އެހާ ފުރިހަމައަށް ގެއްލޭ ފަދަ މަތިންދާބޯޓެއް އުފެއްދި ކަމުގެ ޒިންމާ ބޯއިން އިން އުފުލަން ޖެހޭނެ،" މަހާތީރު ލިޔުއްވާފައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ މަތިންދާބޯޓުގެ މުއާސަލާތީ ހުރިހާ ސިސްޓަމްތަކެއް ފެއިލްވީ ގޮތް ކިޔައި ނުދެނީސް ބޮއިން މަތިންދާބޯޓެއްގައި ދަތުރުކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
މަހާތީރު ވިދާޅުވެފައި ވަނީ، މަތިންދާބޯޓް އެމްއެޗް370 ގެ މުއާސަލާތީ ވަސީލަތްތައް ނިއްވާލަން އެބޯޓްގެ ޕައިލޮޓް މަސައްކަތް ކުރާ ނަމަ ކޯޕައިލެޓް އެކަން ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށެވެ.
" އެމްއޭއެސް ( މެލޭޝިއާ އެއާލައިންސް) އަންނަނީ އެތައް ވައްތަރެއްގެ މަތިންދާބޯޓް އުދުއްސަމުން. ޕައިލޮޓުންނަކީ ރަނގަޅަށް ތަމްރީނުވެފައިވާ މީހުން. އަމިއްލައަށް މަރުވާން ޕައިލޮޓް އުޅުނު ނަމަވެސް ކޯޕައިލޮޓާއި ކެބިން ކްރޫ ކޮންމެވެސް ކަމެއް ކުރަން މަސައްކަތް ނުކޮށް ދުލެއް ނުކުރާނެ ،" މަހާތީރު ލިޔުއްވާފައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ، އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރީ އެމީހުންގެ ބާރުކެނޑި ހަރަކާތް ނުކުރެވޭ ގޮތް ވެފައި ވާތީ ކަމަށް ވެދާނެ ކަމަށެވެ.
މާހާތީރަކީ މެލޭޝިއާގައި 22 އަހަރުވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އެއީ އެގައުމުގެ ވެރިކަން ކުރާ ޕާޓީގައި މިހާރުވެސް ނުފޫޒު ގަދަ ބޭފުޅެކެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.