29 Apr 2014, 11:28
"ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް"ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި އެ އިދާރާއަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންދާ ނޭޝަނަލް ސެންޓާ ފޮ އިންފޮރމޭޝަން ޓެކްނޯލޮޖީ އާއި ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވައިފައިވާ ގައުމީ އަރުޝީފާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއަކީ، އިއްޔެ އިން ފެށިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ. އަދި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ސްޓެޓިސްޓިކްސްއާ ގުޅުން ހުރި މަސައްކަތްތަކަކީ ވެސް، ނޭޝަނަލް ބިއުރޯ އޮފް
ސްޓެޓިސްޓިކްސްގެ މަސައްކަތްތަކެއްގެ ގޮތުގައި އިއްޔެ އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްދިނުން ހަލުވިކުރުމުގައި އިންފޮމޭޝަން ޓެކްނޯލޮޖީގެ ބޭނުން އިތުރަށް ފުޅާކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އެއްކުރާ ތަފާސްހިސާބުތައް އެއްތަނަކަށް ޖަމާކޮށް، ބަލަހައްޓާނެ އިންތިޒާމެއް ހަމަޖެއްސެވުމުން ސަރުކާރުގެ ވުޒާރާތަކުން ކުރިއަށް ރާވަންޖެހޭ ރޭވުންތައް ރޭވުމަށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުން ފަސޭހަ ކުރުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.