ގަވާއިދާ ހިލާފަށް ދަތުރުވެރިންގެ މާރުކޭޓާއި އެ މާރުކޭޓުކައިރީ ކުދި ގޮޅިތައް ހަދައިގެން ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިހާރަކަށް އައިސް ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ދެފަރާތަށްވާ ގޮތަށް މާރުކޭޓުން ބޭރުގައި ގޮޅިތައް ހަދައިގެން ވިޔަފާރިކުރަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މަރުކޭޓު ތެރޭގައި ހުސްކޮށް ހުރި ބައެއް ތަންތަންކޮޅުގައި ގަވާއިދާހިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެއީ ގަވާއިދާ ހިލާފަށް ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރައްވައި ރަޝީދު ވިދާޅުވީ އެކަންތައް ހުއްޓުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އަދި އަތޮޅުތަކުން ވިޔަފާރިކުރުމަށް އަންނަ ދަތުރުވެރިންނަށް ހާއްސަކޮށް އެތަންތަން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރިޔަށް ގެންދަން. ވަރަށް އަވަހަށް މާރުކޭޓުން ބޭރުގަތިބި ފަރާތްތަކަށް ރަސްމީ ލިޔުމަކުން އެކަން އަންގާނަން. އެންގުމަށް ފަހު އެބޭފުޅުންގެ މުދަލަށް ވެސް ގެއްލުން ނުވާނެ ވަރަށް ވަގުތު ދީގެން އަޅުގަނޑުމެން އެކަން ހުއްޓުވާނަން ވަރަށް އަވަހަށް. އަދި ބިދޭސީން ތިބި ތަންތަނުން އެމީހުންނެރެ ރާއްޖެތެރެ އިން އަންނަ ވިޔާފަރިކުރާ ދިވެހިންނަށް އެތަންތަން ދޭން މަސައްކަތް އެބަ ކުރަން." ރަޝީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާރުކޭޓު ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ބޭނުމުގައި ސިޓީ ކައުންސިލުން އިސްނަގައިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު މާރުކޭޓު ސާފުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ގޮޅިތަކުގައި މަސައްކަތްކުރާ ވިޔަފާރިވެރިން ވެސް މަސައްކަތް ކުރާ އިރު އެކަންކަން ގަވާއިދާ އެއްގޮތަށް ފެއްތުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ކައުންސިލަށް ދެއްވުމަށް ވެސް ރަޝީދު އެދިވަޑައިގެންނެވި އެވެ.

ރޯދަ މަހަށް ހާއްސަކޮށް ދަތުރުވެރިންގެ މާރުކޭޓުން ވިޔަފާރިވެރިންނަށް ހާއްސަކޮށް ގޮޅި ދޫކުރުމާ ބެހޭ ގޮތުން ރަޝީދު ވިދާޅުވީ، އެ މަސައްކަތް ގާތްގަނޑަކަށް 15 ވަރަކަށް ދުވަސްތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.