ޔުކްރޭންގެ އިރުމަތީގައިވާ، އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ މޭޔަރުގެ ގަޔަށް ބަޔަކު ބަޑިޖަހައި އޭނާ ޒަހަމްކޮށްލައިފި އެވެ.

އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ބުނީ ކަރްކީވްގެ މޭޔަރު ގެނާޑީ ކެރްނެސްގެ ގަޔަށް ބަޔަކު ބަޑި ޖެހީ ކަސްރަތު ކުރެއްވުމަށް، ގެއިން ބޭރުގައި އުޅުއްވަނިކޮށް ކަމަށެވެ. ކެރްނެސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ ހޮސްޕިޓަލެއްގައި މަރާ ހަނގުރާމަކުރަމުންދާ ކަމަށެވެ. ނަމަވެސް އޭނާ އަށް ހަމަލާ ދިން ބަޔަކާ ބެހޭ ގޮތުން އެބަޔާނުގައި އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ.

ކަރްކީވް އަކީ ރަޝިއާއަށް ތާއީދުކުރާ މީހުންނާއި ޔުކްރޭންގެ މިހާރުގެ ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން އަންނަ ޔުކްރޭންގެ އިރުމަތީގައިވާ އެންމެ ބޮޑު ސިޓީ އެވެ. އެސިޓީ އޮންނަނީ ރަޝިއާއާ އެންމެ 20 މޭލުގެ ދުރުމިނެއްގަ އެވެ.