ނެޝަނަލް ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުނަށް ދޫކުރާ ލޯނަށް އެދޭ ފޯމް، އެޑިއުކޭޝަން މިނިސްޓްރީން ބަލައިގަންނަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ފޯމްތައް ބަލައިގަންނަން އިއްޔެ ފަށާފައިވާ ކަމަށާއި، ފޯމް ބަލައިގަތުމުގެ ކަންތައް އަންނަ ބުދަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު ފަހު 2:45 އަށް ވެލާނާގޭ ދެ ވަނަ ފަންގިފިލާގައި ކުރިއަށްދާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) ޝްކޮލޯޝިޕް ޑިވިޝަންގެ ޑިރެކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، އިއްޔެ ހުށަހެޅި ގިނަ ފޯމްތަކެއް، ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވުމުގެ ސަބަބުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި ފޯމް ހުށަހެޅުމުގެ ކުރިން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހަމަތޯ ބެއްލެވުމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުނަށް ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) ކުރިން ހުޅުވާލާފައި އޮތީ މިދިޔަ މަހުގެ 18 އިން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް ޑީއެޗްއީ އިން ވަނީ މިމަހުގެ އެއްވަނަ ދުވަހު އެ ތާރީހަށް ބަދަލުގެނެސް ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް މި އަހަރުގެ ލޯން ސްކީމުގެ ދަށުން ހުޅުވާލާފައި ވަނީ 50 ފުރުސަތެވެ. އެއީ މާސްޓާސް ހަދަމުންދާ 10 ދަރިވަރަކަށާއި ޑިގްރީ އަށް ކިޔަވަމުންދާ 25 ދަރިވަރެއްގެ އިތުރުން ޑިޕްލޮމާއަށް ކިޔަވާ 15 ދަރިވަރަކަށެވެ.

އެގޮތުން، ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޑިޕްލޮމާގެ ކޯސްތަކަށާއި ބެޗްލާސް ޑިގްރީއަށް ގިނަވެގެން ދޫކުރަނީ 37،000ރ އެވެ. އަދި ރާއްޖޭގައި މާސްޓާސް އަށް ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރާނީ 37،500ރ އެވެ.

ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުންދާ ދަރިވަރުންނަށް މި އަހަރު ހުޅުވާލާފައި ވަނީ 170 ފުރުސަތެވެ. އެއީ މާސްޓާސް ޑިގްރީއަށް ދޫކުރާ 70 ފުރުސަތާއި ބެޗްލާސް ޑިގްރީއަށް ދޫކުރާ 100 ފުރުސަތެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން، ބެޗްލާސް ޑިގްރީ ހަދާ ދަރިވަރުންނަށް އެންމެ ގިނަ ވެގެން ދޫކުރާނީ 100،000ރ އެވެ. އަދި މާސްޓާސް ދަރިވަރުންނަށް ދޫކުރާނީ 75،000ރ އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު، ރައީސް ޔާމީން ހުޅުވާލެއްވީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދިނުމުގެ ގޮތުން މިދިޔަ މިދިޔަ ފެބްުރުއަރީ މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެގޮތުން ލޯން ސުކީމްގެ ދަށުން ދޫކުރާ މަތީ ތައުލީމުގެ ފުރުސަތުތަކާއި ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ހަދިޔާކުރި ސްކޮލާޝިޕްތަކުން މި އަހަރު 1000 އަށްވުރެ ގިނަ ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލަން ނިންމާފަ އެވެ.