29 Apr 2014, 09:35
ގާހިރާ (އެޕްރީލް 29) : މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ 683 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމުގެ ގޮތުން މިސްރުގެ މުފްތީގެ ލަފާހޯދުމަށް އެގައުމުގެ ޖިނާއީ ކޯޓަކުން ނިންމި ނިންމުމަށް އދ. އާއި އެމެރިކާ އިން ފާޑުކިޔައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވީ މިކަމުގެ ސަބަބުން މިސްރުގައި ހަމަނުޖެހުންތައް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމުގަ އެވެ. އެމެރިކާ އިން ބުނީ މިސްރުގެ ކޯޓުގެ މިނިންމުމަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ މުޅިން ޚިލާފު ނިންމުމެއް ކަމުގަ އެވެ. މިސްރުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ މަގާމުން ދުރުކޮށްފައިވާ އެގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ ޖަމާއަތެވެ.
އިޚްވާން ޖަމާއަތުގެ މެންބަރުންނާއި މުރުސީ އަށް ތާއީދުކުރާ މީހުން ހިމެނޭ ގޮތަށް 683 މީހުންގެ މައްޗަށް މިސްރުގެ ދައުލަތުން ކޮށްފައިވާ ތުހުމަތަކީ މިންޔާ ގަވަނޭޓްގައި މިދިޔަ އަހަރު ކުރި މުޒާހަރާތަކެއްގައި ހަމަނުޖެހުން އުފެއްދުމާއި އެހަމަނުޖެހުންތަކުގައި ބައެއް މީހުން މަރުވެފައިވާ ކަމުގެ ތުހުމަތެވެ. މިތުހުމަތު ކުރެވިފައިވާ 683 މީހުންގެ ތެރޭގައި މިންޔާގައި ކުރި މުޒާހަރާތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން މަރުވެފައިވާ މީހުން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިމައްސަލަ ބެލި މިންޔާގެ ޖިނާއީ ކޯޓުން ވަނީ އިޚްވާން ޖަމާއަތަށް ނިސްބަތްވާ މި 683 މީހުންގެ މައްޗަށް އެ ތުހުމަތު ސާބިތުވާ ކަމަށް ނިންމާފަ އެވެ. މިއާ އެކު މިންޔާގެ ޖިނާއީ ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ މި މައްސަލާގައި މި 683 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމުގެ ކުރިން މިސްރުގެ ދީނީ ފަތުވާދޭ އެންމެ އިސްފަރާތް ކަމަށް މުފްތީގެ ލަފައެއް ހޯދުމަށެވެ. ނަމަވެސް މުފްތީގެ ލަފައަކީ އެއާ އެއްގޮތަށް އަމަލުކުރުން ލާޒިމު ލަފައެއް ނޫން ކަމަށް އެކޯޓުގެ ހުކުމް ބުނެފައި ވާތީ އިއްޔެގެ މިހުކުމަކީ އެމީހުންނަށް މަރުގެ އަދަބުދިނުމުގެ ހުކުމް ކަމަށް ވަނީ ބެލެވިފަ އެވެ. މިސްރުގެ މުފްތީގެ ލަފައަށް ފަހު މަރުގެ ހުކުމް އިއްވާނެ ކަމަށް ބެލެވިފައިވާ މި 683 މީހުންގެ ތެރޭގައި އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ވެރިޔާ ޑރ. މުހައްމަދު ބަދީޢު ވެސް ހިމެނެ އެވެ. އޭނާއަކީ އުމުރުން 70 އަހަރުގެ ބޭފުޅެކެވެ.
މި ހުކުމާ ގުޅިގެން އިޚްވާނުލްމުސްލިމޫން ޖަމާއަތުން ބުނެފައި ވަނީ "މިސްރުވަނީ އަނިޔާވެރި ޢަސްކަރީ ޚުދުމުޚްތާރު ވެރިކަމެއްގެ ދަށުގައި ކަމަށާ ޢަސްކަރީ ވެރިކަމުން މިސްރު ސަލާމަތްކޮށް މިނިވަންކަމާއި ޑިމޮކްރަސީ އަލުން މިސްރަށް ގެނައުމަށްޓަކައި އެޖަމާއަތުން ކުރާ މަސައްކަތް ހުއްޓާނުލާނެ" ކަމުގަ އެވެ. މިހުކުމާ ގުޅިގެން ބައިނަލްއަގްވާމީ ފަރާތްތަކުގެ ފާޑުކިޔުންތައް މިސްރަށްވަނީ އަމާޒުވެފައިވީ ނަމަވެސް މިހުކުމާ ގުޅިގެން ހުޅަނގުގެ ފިއްތުންތައް މިސްރަށް އަންނާނެ ކަމަށް ނުބެލެވޭކަމަށް މުރަސިލުން ބުނެ އެވެ.
އިޚްވާން ޖަމާއަތުގެ 683 މީހުން މެރުމުގެ މިހުކުމަށް ފާޑުކިޔާފައިވާ ފަރާތްތަކުގެ ތެރޭގައި އދ. އާއި އެމެރިކާ އަދި އެމްނެސްޓީ އިންޓަނޭޝަނަލް ހިމެނެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ގެނައި އަސްކަރީ އިންގިލާބެއްގައި މިސްރުގެ އިންތިޚާބީ ރައީސް މުހައްމަދު މުރުސީ މަގާމުން ދުރުކުރުމަށް ފަހު މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުން ގެންދަނީ ޢަސްކަރީ އިންގިލާބާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ ދުވަސް ދުއްވާލުމަށް އަނިޔާވެރި އަމަލުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި މުރުސީ އަށް ތާއީދުކުރާ އިންގިލާބާ އިދިކޮޅު ފަރާތްތައް ހައްޔަރުކުރުމާއި މުރުސީ ނިސްބަވެވަޑައިގަންނަވާ އިޚްވާން ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ހެދުން ފަދަ ކަންތައްތައް ހިމެނެ އެވެ. މީގެ އިތުރުން މިސްރުގެ ކޯޓުތަކުން ވަނީ އިޚްވާން ޖަމާއަތުގެ ގިނަ ލީޑަރުންގެ މައްޗަށް ދިގުމުއްދަތަކަށް ޖަލަށްލުމާއި މަރުގެ ހުކުމްތައް އިއްވާފަ އެވެ.(އަލްޖަޒީރާ)