މޮސްކޯ (އެޕްރީލް 29) : އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް އިއްޔެ ތަންފީޒުކުރަންފެށި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ފިނިހަނގުރާމައިގެ ދުވަސްވަރުގެ ނާތަހުޒީބު އަމަލެއް ކަމަށާ އެކަމުގެ ނަތީޖާ ގޯސްވާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިބަބްކޯވް ވިދާޅުވީ އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ ގާނޫނާ ޚިލާފު ފިޔަވަޅުތަކެއް ކަމަށާއި އެފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ސިޔާސަތު އަނެއްކޮޅަށް އަނބުރައި ލެވޭނެ ކަމަށް އެމެރިކާ އަށް ހީވާ ނަމަ އެއީ ކުށްހީއެއް ކަމުގަ އެވެ. އަދި މިފިޔަވަޅުތަކުގެ ނަތީޖާއާ މެދު އެމެރިކާ ފަހުން ދެރަވާނެ ކަމަށް ވެސް ރިބަބްކޯވް ވިދާޅުވި އެވެ.

ޔުކްރޭންގައި ހަމަނުޖެހުން އުފެއްދުމަށް ރަޝިޔާ އިން މަސައްކަތްކުރާ ކަމަށް ބުނެ ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިއްޔެ ތަންފީޒުކުރަންފެށި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ އަރިސް ބައެއް މަސްއޫލުވެރިންނަށް އެމެރިކާ އަށް ދަތުރުކުރުމުގެ ވިސާ ނުދިނުމާއި އެމެރިކާގައިވާ އެބޭފުޅުންގެ އެކައުންޓްތަކާއި ފައިސާ ގަނޑު ކުރުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ މަތީފެންވަރުގެ އަސްކަރީ ޓެކްނޮލޮޖީ ރަޝިޔާއަށް އެކްސްޕޯޓްކުރުން މަނާކުރުން ވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިފިޔަވަޅުތައް އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަން އިޢުލާން ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިހާރު ފިލިޕީންސަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެނީލާގަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައިވާކަން އިޢުލާން ކުރައްވަމުން އޮބާމާ ވިދާޅުވެފައި ވަނީ "މިއީ ރައީސް ޕޫޓިންއާ ދެކޮޅަށް ޝަޚްސީގޮތުން އެޅި ފިޔަވަޅުތަކެއްނޫން ކަމަށާ މިކަމުގެ ބޭނުމަކީ ޔުކްރޭނާ މެދު ރަޝިޔާ ގެންގުޅޭ ސިޔާސަތުތަކަކީ ދިގުމުއްދަތަކަށްބަލާ އިރު އެކަމުގެ ފައިދާއަށް ވުރެ ގެއްލުންބޮޑު ސިޔާސަތުތަކެއްކަން ޕޫޓިން އަށް ވިސްނައިދިނުން" ކަމުގަ އެވެ. އެމެރިކާގެ ދަތިކުރުމުގެ މިފިޔަވަޅުތަކުގައި ރަޝިޔާގެ އިގްތިސާދަށް އެނގުންވާވަރުގެ ފިޔަވަޅުތައް ހިމެނިފައިނުވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިފިޔަވަޅުތަކާ ގުޅިގެން ރަޝިޔާ އިން ޢަސްކަރީ ޓޭކްނޮލޮޖީ އިތުރަށް ތަރައްގީކޮށް މިދާއިރާގައި އެމެރިކާ އަށް ގޮންޖެހުމަށް މަސައްކަތްކުރުމުގެ ހިއްވަރު މިކަމުގެ ސަބަބުން ރަޝިޔާ އަށް ލިބިގެންދާނެ ކަމަށް އެގައުމުގެ މީޑިޔާ ބުނެ އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިބަބްކޯވް ވިދާޅުވީ އެމެރިކާގެ މިފިޔަވަޅުތަކުގެ ސަބަބުން ޔުކްރޭންގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމުގެ ފުރްސަތު ގެއްލިއްޖެ ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މައްސަލަތަކުގައި ރަޝިޔާގެ ފަރާތުން އެމެރިކާ އަށް ކުރިންލިބުނު އެއްބާރުލުން ދެން ނުލިބޭނެ ކަމުގެ އިޝާރާތެއް ވެސް ރަޝިޔާގެ މަސްއޫލުވެރިޔާ ވަނީ ދެއްވާފަ އެވެ. (އަލްޖަޒީރާ)