28 Dec 2010, 08:38
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ] އިން މަނީޗޭންޖް ކުރުމުގެ ލައިސެންސް ދީފައިވާ ފަރާތްތަކުން ގަނެ ވިއްކާ 1 ޑޮލަރާއި 5 ޑޮލަރުގެ ނޫޓަށް އެއް ޕަސެންޓުގެ ކޮމިޝަނެއް ނެގުމުގެ ހުއްދަ އެމްއެމްއޭ އިން އެފަރާތްތަކަށް ދީފި އެވެ.
ސެންޓުރަލް ބޭންކް، އެމްއެމްއޭ އިން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނަނީ ބޭރު ފައިސާ ގަނެ ވިއްކޭނީ އެމްއެމްއޭ އިން ދޫކުރާ މަނީޗޭންޖަރުންގެ ލައިސެންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށާއި މި އަހަރުގެ ޑިސެމްބަރު 13 އިން ފެށިގެން އެފަދަ ފަރާތްތަކުން ގަނެ ވިއްކާ 1 ޑޮލަރާއި 5 ޑޮލަރުގެ ނޫޓަށް 1 ޕަސެންޓުގެ ކޮމިޝަނެއް އިތުރު ކުރެވިދާނެ ކަމަށެވެ.
"....ލައިސަންސް ލިބިފައިވާ ފަރާތްތަކުން ބޭރުފައިސާ ގަނެވިއްކާ އަގަށް އިތުރު ކޮމިޝަނެއް ނެގުމުގެ ހުއްދަ ދިނުމަށް މި އޮތޯރިޓީ އަށް ލިބިފައިވާ ފަރާތްތަކުން ބޭރުފައިސާ ގަނެވިއްކާ އަގަށް އިތުރު ކޮމިޝަނެއް ނެގުމުގެ ހުއްދަ ދިނުމަށް މި އޮތޯރިޓީއަށް ލިބިފައިވާ އިހްތިޔާރުގެ 1 އެމެރިކާ ޑޮލަރުގެ ނޫޓާއި 5 އެމެރިކާ ޑޮލަރުގެ ނޫޓު ގަންނަ އަގަށް 1 ޕަސެންޓުގެ ކޮމިޝަނެއް ނެގުމަށް އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބޭންކުތަކަށާއި ބޭރުފައިސާ ގަނެ ވިއްކުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިވާ ފަރާތްތަކުން 13 ޑިސެމްބަރު 2010 އިން ފެށިގެން މި އޮތޯރިޓީ އަށް ވަނީ ހުއްދަ ދީފަ އެވެ،" އެމްއެމްއޭގެ އެ އިއުލާނުގައިވެ އެވެ.
އެ އިއުލާންގައި އެމްއެމްއޭ އިން ބުނެފައި ވަނީ ބޭރު ފައިސާ ގަނެ ވިއްކޭނީ އެމްއެމްއޭ އިން ދޫކުރާ ހުއްދައެއްގެ ދަށުން އެކަނި ކަމަށާއި އެ ބޭންކުން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ޑޮލަރުގެ ވިޔަފާރި ކުރުމަށް އިޝްތިހާރު ކުރުމަކީ ވެސް މަނިޓަރީ ގަވާއިދާ ހިލާފުކަމެއް ކަމަށެވެ. އަދި މަނިޓަރީ ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރުމާއި ޑޮލަރުގެ ވިޔަފާރި ކުރާކަން ދައްކުވައިދޭ އިޝްތިހާރު ކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމްއެމްއޭ އިން ވަނީ ދީފަ އެވެ.
މާޗް 1 ، 1987 ކުން ފެށިގެން އަމަލުކުރަމުން އަންނަ މަނިޓަރީގެ ގަވާއިދު ބުނަނީ މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމާއި ބޭރު ފައިސާ ވިއްކުމާއި ގަންނަ ކަމަށް ދެއްކުމަކީ ވެސް މަނާކަމެއް ކަމަށެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތައް 2000ރ. އާ 10،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 2000ރ. އާއި އެ ކުށެއްގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސް ގުނަ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މަނިޓަރީގެ އެ ގަވާއިދުން ސެންޓްރަލް ބޭންކަށް ލިބިދީފައިވެ އެވެ.
ފުލުހުންގެ ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ނުއަގުގައި ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ ޝަކުވާތައް އެ ސާވިސް އަށް ލިބެމުން އަންނަ ކަމަށާއި އެހެނަސް ރަސްމީ އެއްވެސް ފަރާތަކުން އެފަދަ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ.
އެމެރިކާ ޑޮލަރެއް ގަންނެވޭނެ އަގުކަމަށް އެމްއެމްއޭ އިން ކަނޑައަޅާފައި ވަނީ 12.75ރ. އެވެ. އަދި ވިއްކާ އަގަކީ 12.85ރ. އެވެ. މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވަނީ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި 14ރ. އަށް ވުރެ މައްޗަށް ޑޮލަރުގެ އަގުއަރައިފަ އެވެ.