ދައުލަތާއި ސަރުކާރުގެ އެހީ ލިބުން ހުއްޓޭ ހިސާބުން ފެށިގެން 250 މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އެމްއެންބީސީގެ މުވައްޒަފުންނަށް މިއަދު އަންގައިފި އެވެ.


ސަން އޮންލައިނަށް އިންޓަވިއު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ގާތްގަނޑަކަށް 400 އެއްހާ މުވައްޒަފުން އުޅޭ އެމްއެންބީސީގެ މުވައްޒަފުންގެ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި 250 މުވައްޒަފުން ވަކި ކުރަން މަޖުބޫރުވާ ގޮތް، މުވައްޒަފުންނަށް އޮޅުން ފިލުވައިދީފައިވާނެ ކަމަށެވެ.


ހަލީލް ވިދާޅުވީ އެމްއެންބީސީގެ މުވައްޒަފުން މަދު ކުރުމުގެ ސިޔާސަތު، ރައީސް ނަޝީދުގެ އެދިވަޑައިގަތުމެއްގެ މަތިން ބަދަލުކޮށް އެކަން ތަންފީޒު ކުރުން މަޑުޖައްސާލާފައިވާ ކަމަށާއި ނަމަވެސް 250 މުވައްޒަފުން ވަކި ކުރަން މަޖުބޫރުވާކަން މުވައްޒަފުންނާ ހިއްސާ ކުރެއްވީ ސަރުކާރު އެހީ އާއި ދައުލަތުގެ އެހީ އެމްއެންބީސީއަށް ނުލިބޭ ގޮތަށް މަޖިލީހުން ނިންމަން މަސައްކަތް ކުރާ ކަމުގެ ހަބަރުތައް ފެތުރެމުން ދާތީ ކަމަށެވެ.


"ދައުލަތުގެ އެހީ، ސަރުކާރުގެ އެހީ ކެނޑޭ ހިސާބުން ފެށިގެން މި ކުންފުންޏަށް ލިބޭ އެއްޗަކުން ހިނގުމަށްޓަކައި އެބަ މަޖުބޫރުވޭ 250 މުވައްޒަފުން ވަކި ކުރަން. އެކަން މިއަދު މުވައްޒަފުންނާ ހިއްސާ ކުރީ. ފަހުން ސަޕްރައިޒަކަށް ވާގޮތަށް އެކަން ކުރީމާ ކަމުނުދާނެތީ،" ހަލީލް ވިދާޅުވި އެވެ.


ހަލީލް ވިދާޅުވީ 24 ގަޑިއިރުގެ ދެ ރޭޑިއޯ ޗެނެލާއި 18 ގަޑިއިރުގެ ހިދުމަތްދޭ ދެ ޓީވީ ޗެނަލް ގެ ވަޒީފާތައް މަދު ކުރުމުގެ އުސޫލަށް ބަދަލު ގެނެސް ވަޒީފާތަކުން މީހުން ވަކި ކުރުން ރައީސްގެ އެދިވަޑައިގަތުމަށް ހުއްޓާލާފައި އޮތް ނަމަވެސް އެމްއެންބީސީއަކީ ދައުލަތުގެ އެހީއެއް ނުލިބޭ ތަނަކަށްވާ ދުވަހުން ފެށިގެން މުވައްޒަފުން މަދު ކުރުމަށް އެމްއެންބީސީއަށް މަޖުބޫރުވާނެ ކަމަށެވެ.