އަންނަ ޖޫން މަހުގެ ކުރީކޮޅު ގަތަރު އެއާވޭސްގެ ފުރަތަމަ އޭ380 މަތިންދާބޯޓު ލިބޭނެ ކަމަށާއި، ޖޫން 17 ވަނަ ދުވަހުންފެށިގެން އެ އެއާލައިންގެ އޭ380 މަރުކާގެ ބޯޓުތައް އުދުހެން ފަށާނެ ކަމަށް ގަތަރު އެއާވޭސް އިން ބުނެފިއެވެ.

އޭ380 އެއާކްރާފްޓް އަކީ ދުނިޔޭގައި އުދުހޭ އެންމެ ބިޔަ ޕަސެންޖަރ މަތިންދާބޯޓެވެ. ގަތަރު އެއާވޭސް އިން އޭ380 ގެ 13 މަތިންދާބޯޓަށް އޯޑަރު ކޮށްފައިވާއިރު، އަންނަ ޖޫން މަސް ފެށޭތާގައި އޭގެ ތެރެއިން 3 ބޯޓު ލިބޭނެ ކަމަށް އެ އެއާލައިން އިން ބުނެއެވެ.

މި “ސުޕަރ ޖަމްބޯ ޖެޓް” ގެ ފުރަތަމަ ދަތުރުތައް ފަށާނީ ގަތަރުގެ ދޯހާގައި އޮންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް އާއި އިނގެރޭސި ވިލާތުގެ ލަންޑަން ހީތުރޯ އެއާޕޯޓް އާއިދޭތެރޭގައެވެ.

މިދިޔަ މާޗް މަހު ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި ބޭއްވުނު އައިޓީބީ ޓެރެވަލް ފެއާ ގައި ގަތަރު އެއާވޭސް އިން ވަނީ އެ އެއާލައިންގެ އާ އޭ380 ގެ ފަސްޓް ކްލާހުގެ ގޮނޑިތައް ހުންނާނޭ ގޮތުގެ ނަމޫނާއެއް ދައްކާލައިފައެވެ. 90 ޑިގްރީއަށް ތިރިކޮށްލެވޭ މި ގޮނޑިތައް ފަރުމާކޮށްފައިވަނީ ފަސެންޖަރުންނަށް ފަސޭހައިން ނިދާލެވޭނޭހެން، އެނދަކަށް ބަދަލުކޮށްލެވޭ ގޮތަށެވެ.

ގަތަރު އެއާވޭސް އިން އޭ380 މަރުކާގެ މަތިންދާބޯޓުތައް ގަންނަން ނިންމި ނިންމި ދުވަހަކީ އެ އެއާލައިންގެ ހަޔާތުގައި ވަރަށް މުހިއްމު ދުވައެއް ކަމަށް ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރ އަލް ބޭކަރ ބުންޏެވެ.

“މި މަތިންދާބޯޓަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކެބިންތަކުގެ ސަބަބުން އަހަރަމެންގެ ފަސެންޖަރުންގެ އަރާމާއި ހިތްހަމަޖެހުން އައު މިންގަނޑަކަށް އުފުލިގެންދާނެ،” އަކްބަރ އަލް ބޭކަރ ބުންޏެވެ.

ގަތަރު އެއާވޭސްގެ އޭ380 މަތިންދާބޯޓުތައް މައިގަނޑު ގޮތެއްގައި އުދުހޭނީ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް ވައިގެ ބަނދަރުންނެވެ. މި ހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް އަކީ އޭ380 ގެ ބިޔަ މަތިންދާބޯޓުތައް ޖައްސަން ހާއްސަކޮށް ފަރުމާކޮށްފައިވާ ވައިގެ ބަނދަރެކެވެ. މި ވައިގެ ބަނދަރުގައި އޭ380 މަތިންދާބޯޓު ކައިރިކުރުމަށް ހާއްސަ 6 ގޭޓް އެއް ހުންނަ އިރު، މި ވައިގެ ބަނދަރުގެ ހެނގަރ އަކީ ދުނިޔޭގައިވާ އެންމެ ބޮޑު ހެނގަރ ވެސް މެއެވެ.

އަންނަ ޖޫން މަހު ލިބެން ހަމަޖެހިފައިވާ 13 އޭ380 މަތިންދާބޯޓުގެ އިތުރުން 300 މަތިންދާ ބޯޓަށް ގަތަރު އެއާވޭސް އިން ވަނީ އޯޑަރު ކޮށްފައެވެ. އޭގެ ތެރެއިން އޭ350 މަރުކާގެ 80 މަތިންދާ ބޯޓުވެސް ދާދި އަވަހަށް ލިބޭނެކަމަށް އެ އެއާލައިން އިން ބުނެއެވެ.

މިހާރު އޯޑަރުކޮށްފައިވާ ހުރިހާ މަތިންދާބޯޓަކާ އެކު، ގަތަރު އެއާވޭސްއިން ގެ އަތުގައިވާ މަތިންދާބޯޓުގެ އަގު 50 ބިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.