އައްޑޫ ސިޓީގެ ހިތަދޫގައި ސަރުކާރުން އަޅަން ހަމަޖައްސާފައިވާ 100 އެނދުގެ ހޮސްޕިޓަލް ހެދުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ އެވެ.

ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަކީލާ ވިދާޅުވީ މިއަދު ސޮއިކުރެވިގެން މި ދިޔައީ އެ ހޮސްޕިޓަލުގެ ޑިޒައިން ސްޓޭޖްގައި ކަމަށެވެ. އޭގެ ދަށުން ޑިޒައިން ކުރުމާއި ބީއޯކިއު ހެދުމާއި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކުރުމުގެ އިތުރުން އިމާރާތް ހެދުމަށް ވާންޖެހޭ ތައްޔާރީތަށް މި ކޮންޓްރެކްޓްގެ ދަށުން ކުރެވޭނެކަމަށް ޝަކީލާ ވިދާޅުވި އެވެ.

ޝަކީލާ ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫގައި ހަދާ ހޮސްޕިޓަލަކީ ދެފަރާތެއްގެ ލޯނުގެ އެހީގެދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ސައުދީ ފަންޑުގެ ފަރާތުން 12.5 މިލިއަން ޑޮލަރު ލިބިފައި ވާއިރު އޯފިޑުން ލޯނުގެ ގޮތުގައި 8.7 މިލިއަން ޑޮލަރު ލިބިފައި ވާކަމަށް ޝަކީލާ ވިދާޅުވި،އެވެ.

ކުރިޔަށް އޮތް ހަ ވަރަކަށް މަސްދުވަސް ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތުގެ ބިޑިން ސްޓޭޖާ ހަމައަށް ދެވޭނެ ކަމަށާއި ތިންމަސް ދުވަސްތެރޭގައި ބިޑިންގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޝަކީލާ ވިދާޅުވިއެވެ. އަދި މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގައި މަސައްކަތް ފަށަން ސޮއިކުރެވޭނެ ކަމަށާއި މަސައްކަތް ފަށައިގެން 18 މަސްތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.