28 Dec 2010, 06:20
ކަނޑު ދަތުރުކުރާ ބޯޓަކުން ޔޯގަޓު ކޭހެއްގެ ތެރެއަށް ލައި ފޮރުވައިގެނާއި ކޯން ފްލޭކްސް ޕެކެޓެއްގެ ތެރެއަށް ލައިފޮރުވައިގެން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ޏ. ފުވައްމުލަކަށް އެތެރެ ކުރަން އުޅެނިކޮށް ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުންނަށް ލިބުނު މަޢުލޫމާތާކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯންފްލެކްސް ކަހަލަ ޕެކެޓެއްގެ ތެރެއަށް ފިލްމް ހުސްކުރި ވަރުގެ ދަޅަކަށް އަޅާފައި ހުރި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކުރީ މިއަދު ހެނދުނު ކަމަށެވެ. އަދި އެމީހާ އެ އެއްޗެހި އެތެރެ ކޮށްފައި ވަނީ ރޭ ފަތިހު ފުވައްމުލަކަށް ދިޔަ ބޯޓަކަށް މަސްތުވާތަކެތި ލުމަށް ފަހު، އޭނާ ވައިގެމަގުން ފުވައްމުލަކަށް ގޮސް ގެން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު އިތުރަށް ވިދާޅުވީ ޔޯގަޓް ކޭހެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައި ވަނީ ބޯޓަކުން ބާލައިގެން ގެންދިޔަ ޔޯގަޓް ކޭހެއް ސައިކަލުގައި ހިފައިގެން ދަނިކޮށް އެ މީހުންގެ ހަރަކާތްތަށް ހުރި ގޮތުން ޝައްކު ކުރެވިގެން ބެލިބެލުމުން ކަމަށެވެ. އަދި އެ ދެ މީހުންނަށް ފުލުހުން ފެނުމުން އަވަހަށް ފޮށިގަނޑު އެއްލާލައި ފިލަން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި އެކަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ޔޯގަޓް ކޭސް އިތުރަށް ބެލި ބެލުމުން ޔޯގަޓް ތަށްޓެއްގެ ތެރޭގައި ފިލްމު ހުސްކުރި ދަޅަކަށް އަޅާފައި ހުރި މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ޔޯގަޓް ކޭސް ބޭލި ބޯޓުން ފުވައްމުލަކަށް ދިޔަ މީހެއްގެ ހަށިގަނޑުން ވެސް ވަނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ބްލެޓް ސައިޒްގެ ޕެކެޓަކާ އެކު ހައްޔަރު ކޮށްފައެވެ. އަދި ހަމަ އެ ބޯޓު ތެރެ އިތުރަށް ބަލާފާސް ކުރި ކުރުމުން ވަނީ މަސްތުވާތަކެތި އަޅާފައި ހުރި ދަޅެއް ވެސް ފެނިފައެވެ.
ފުވައްމުލަކުގެ އިޖްތިމާޢީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ހާހަކަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް އިއްޔެ ވަނީ ލިޔުމެއް ހުށަހަޅައިފައެވެ.