މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ( މާރްސް) ކޮރޯނާ ވައިރަސްގެ ސަބަބުން ސައުދީ އަރަބިއްޔާގައި މަރުވިމީހުންގެ އަދަދު 100 އަށް ވުރެ މަތިވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލް ޖަޒީރާ ބުނީ 2012 ވަނަ އަހަރު އެވައިރަސް ފެނުނު ފަހުން، އެވައިރަސްގެ ސަބަބުން މިހާތަނަށް 102 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ބުނީ އިއްޔެ މަރުވި ތުއްތު ކުއްޖަކާ އެކު ވައިރަސްގެ ސަބަބުން މިމަހުގެ ތެރޭގައި މަރުވިމީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށެވެ.

މާރްސްކޮރޯނާ ވައިރަސް ފާޅުވީ ފަހުން މިހާތަނަށް ސައުދީ އަރަބިއްޔާގައި އެކަނި 339 މީހެއްގެ ގަޔަށް އެވައިރަސް ވަނީ އަރައިފަ އެވެ. އަދި މި އޭޕްރީލް މަހު އެކަނިވެސް 143 މީހެއްގެ ގަޔަށް ވައިރަސް އަރާފައިވާ ކަމަށް އެގައުމުގެ ހެލްތުމިނިސްޓްރީން ބުންޏެވެ. އެންމެ ފަހުން ވައިރަސް އެރިމީހުންގެ ތެރޭގައި ތަބޫކްގެ ހޮސްޕިޓަލެއްގެ ހަތަރު މުވައްޒަފުން ހިމެނެއެވެ.

މާރްސް ކޮރޯނާ ވައިރަސް ފެތުރުން ނުހުއްޓޭތީ ސައުދީގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފަ އެވެ. އެގޮތުން އެގައުމުގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ފަހުދު ހޮސްޕިޓަލްގެ ހަތަރު ޑޮކްޓަރަކު ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. އެބޭފުޅުން އިސްތިއުފާ ދެއްވީ ވައިރަސް އަރާފާނެ ކަމުގެ ބިރަށް، ބަލިމީހުންނަށް ފަރުވާ ކުރުމަށް އިންކާރު ކުރެއްވުމަށް ފަހުއެވެ. އަދި ސައުދީ ސަރުކާރުން ވަނީ ހެލްތުމިނިސްޓަރު މަގާމުން ދުރުކޮށްފަ އެވެ.

މާރްސް ކޮރޯނާ ވައިރަސްއަށް އަދި އެއްވެސް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. އެކަމާ ބެހޭ ދިރާސާތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ.