28 Dec 2010, 06:02
ނައިފައިރުން ގެއްލުނު މީހާގެ ފައިވާން އެ ރަށު އަތިރިމަތިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ ސިފައިންނާއި ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން އެ ރަށް ބަލައި ހޯދި ހޯދުމުން އޭނާ އަރައިގެން ހުރި ފައިވާނާ ވައްތަރު ފައިވާނެއް ފެނުމާގުޅިގެން އޭނާގެ އާއިލާ މީހުންނަށް ދެއްކުމުން އެއީ އޭނާގެ ފައިވާން ކަމަށް ބުނެފައިވާ ކަމަށެވެ.
އިއްޔެ މުޅި ރަށުތެރެ ބަލާފައިވާ ކަމަށާއި ސްނޯކްލިން ކޮށްގެން ފަޅުތެރެ ބަލާފައިވާ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ. އަދި މިއަދު ކުރިއަށްދާނީ އޭނާގެ ފައިވާން ފެނުނު ސަރަހައްދުން ފަޅުތެރެ އާއި ފަޅުން ބޭރު ޑައިވްކޮށްގެން ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނައިފަރުން ގެއްލިފައި ވަނީ އެ ރަށު ހަވީރީ ހިޔާ، އަލީ ހުސެންފުޅު، 76، ކަމަށް ފުލހުން ވަނީ ވުނެފަ އެވެ. އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެ ރޭ 7:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ނައިފަރު ރަށު އޮފީހުން އިއްޔެ ވާހަކަ ދެއްކި އެ އޮފީހުގެ އޮފިޝަލަކު ބުނީ އަލީ ހުސައިންފުޅުގެ ގެއްލިގެން އޭނާގެ އާއިލާއިން ރަށު އޮފީހަށް ރިޕޯޓުކޮށްފައި ވަނީ އިރު އޮއްސެން އުޅެނިކޮށް ކަމަށެވެ.
އަލީ ހުސައިން ފުޅަކީ ނައިފަރުން މިގޮތަށް ގެއްލުނު ތިން ވަނަ މީހާ ކަމަށް ރަށު އޮފީހުން ބުންޏެވެ.
ނައިފަރު ކުޑަ ކަތީބު މުހައްމަދު ހުސައިން މިއަދު ވިދާޅުވީ 2003 ވަނަ އަހަރު ވެސް މީހަކު ގެއްލިފައިވާ ކަމަށާއި އަދި 2009 ވަނަ އަހަރު ވެސް މީހަކު ގެއްލިފައިވާ ކަމަށެވެ. އަދި އެ ތިން މީހުން ވެސް ގެއްލިފައި ވަނީ، އިރުއޮއްސެނިކޮށް އަތިރިމައްޗަށް ދަނިކޮށް ކަމަށެވެ. އަދި އެ ތިން މީހުންނަކީ ވެސް އުމުރުން ދޮށީ އުމުރުގެ މީހުންނެވެ.
ކުޑަ ކަތީބު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގެއްލުނީ އެ ރަށު ފިނިފެންމާގޭ އާދަމް ޔޫސުފު،80، ކަމަށާއި 2003 ވަނަ އަހަރު ގެއްލުނީ ވެސް 82 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ނައިފަރުން ގެއްލުނު އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް ރަށު އޮފީހުން ބުންޏެވެ.