ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދިއުމަށް މިހާރު ގާއިމްކޮށްފައިވާ، ފެރީގެ ނިޒާމް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ހުޅުވާލުމަށް ސިންގަޕޫރުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި، "އިންވެސްޓްމެންޓް މޯލްޑިވެސް ފޯރަމްގައި" އާންމުކުރި ބޮޑެތި ފަސް މަޝްރޫގެ ތެރޭގައި ހިމެނޭ، "ޑޮމެސްޓިކް ފެރީ ނެޓްވޯކް" ނިޒާމް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ، އެކަމަށް ހޮވޭ ފަރާތްތަކާއި ސަރުކާރާ ގުޅިގެން ހިންގާ ޖޮއިންޓްވެންޗާ ޕާޓްނާޝިޕް އެއްގެ ދަށުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

"މި މަޝްރޫއު ހިންގުމަށް، ސަރުކާރުން ސަބްސިޑީއެއް ދޭންޖެހޭ ނަމަ، މަޝްރޫއު ހިންގާ ފަރާތަކަށް ބިމު ކުލި ދައްކަން ނުޖެހޭ ގޮތަށް، ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް 50 އަހަރުގެ މުއްދަތަށް ދެ ފަޅުރަށް ދޭގޮތަށް މިކަން ރޭވިފައި ވަނީ،" މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާއްވާފައިވާ ގޮތާ ބެހޭ މައުލޫމާތު ސަން އަށް ދެއްވަމުން ޓްރާންސްޕޯޓް އެންޑް ޓެލެކޮމިއުނިކޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖެއަކީ ގުދުރަތީ ގޮތުން ކުދިކުދި ބައިވަރު ރައްތަކަކަށް ބެހިފައިވާ ޖަޒީރާ ރައްތަކެއްކަން ފާހަގަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ، ތައުލީމާއި، ބޭސްފަރުވާ އާއި ވަޒީފާ އަދާކުރުން ފަދަ އަސާސީ ހައްގުތައް ހޯދުމަށް އެއްތަނުން އަނެއްތަނަށް ކޮންމެ ދުވަހަކުހެން އެތައްބަޔަކު ދަތުރުކުރާއިރު، މިހާރު ރާއްޖޭގައި ގާއިމްވެފައިވާ ފެރީގެ ނިޒާމަކީ އެކަމަށް އެކަށީގެންވާވަރުގެ ނިޒާމެއް ނޫން ކަމަށްވާތީ، ސަރުކާރުން ބޭނުންވަނީ، ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ނަމަވެސް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ، ދަތުރު ކުރުމަށް އަރާމު، ސްޕީޑް ހަލުއި އުޅަނދުތަކެއް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ފަދަ ފެރީގެ ވިއުގައެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށެވެ.

އަލަށް ގާއިމްކުރެވޭ ކަނޑުގެ ފެރީގެ ހިދުމަތަކީ، މުޅި ގައުމުގެ އެއްކޮޅުން އަނެއްކޮޅަށް 20 އަތޮޅުގެ 179 ރަކަށް އެއް ފެންވަރެއްގައި ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަކީ ވެސް މި މަޝްރޫއުގެ ލަނޑުދަނޑިއެކެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުގައި ކުރިއަށް އޮތްތަނުގައި ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫއުތަކާ އެކު، އަތޮޅުތަކުގައި އެއާޕޯޓްތައް ގާއިމްވެގެން ދިޔަ ނަމަވެސް، އެއާޕޯޓަށާއި އަދި އެނޫންވެސް ތަންތަނަށް ދަތުރުކުރަން ބޭނުންވާ މީހުންގެ ނިސްބަތް އިތުރުވާނެ އެވެ. އެހެން ކަމުން ކަނޑުމަގުން ފެންވަރު ރަނގަޅު ފެރީގެ ވިއުގައެއް ގާއިމް ކުރެވިއްޖެ ނަމަ ރައްޔިތުންނަށް ފަސޭހައިން ލިބިދޭ ހިދުމަތުގެ އިތުރުން އިންވެސްޓަރުންނަށް ވެސް އޭގެ ނަފާ ލިބިގަތުމަށް ފަސޭހަވެގެން ދާނެ އެވެ.