28 Apr 2014, 09:23
މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ޝާލްކޭގެ ބޮސްނިއާ ލެފްޓް ބެކް ސީޑް ކޮލަސިނަޗް ބުނެފި އެވެ.
މި ސީޒަން ނިމުމުން ޔުނައިޓެޑްގެ ކެޕްޓަން އަދި ޑިފެންޑަރު ނެމެންޔާ ވިޑިޗް އާއި ރިއޯ ފާޑިނަންޑް އަދި ޕެޓްރީޝް އެވްރާގެ ކޮންޓްރެކްޓް ހަމަވާ އިރު، އެ ޓީމަށް ވަނީ ޑިފެންޑަރުންގެ ބޭނުން ޖެހިފަ އެވެ. އެގޮތުން ސައުތެމްޓަންގެ ލޫކް ޝޯ ހޯދަން ވެސް ޔުނައިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ.
"އަހަރެންނަށް ވަނީ ޔުނައިޓެޑްގެ ހުށަހެޅުމެއް ލިބިފަ،" އުމުރުން 20 އަހަރުގެ ޑިފެންޑަރު ބުންޏެވެ. "އެކަމަކު އެކަން އެހާ އަވަސްވެ ގަނެގެން ނިންމާކަށް ނޫޅެން. ފުރަތަމަ އަހަރެން ޖެހޭނީ ޝާލްކޭގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ ބަލަން،"
ކޮލަސިނަޗް ވަނީ މި ސީޒަނުގައި ޝާލްކޭއާ އެކު 22 ބުންޑަސްލީގާ މެޗު ކުޅެފަ އެވެ. ލީގުގެ ތިންވަނައިގައި އޮތް ޝާލްކޭ މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އޮޓޮމެޓިކް ޖާގައެއް ހޯދުމަށެވެ.