ހިފާފައިވާ ގުދްސު (އެޕްރީލް 28): ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަކަން ގާއިމް ކުރުމަށްޓަކައި ހަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުން އުވާލައި އެއެއްބަސްވުން ވީދާލުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ގޮވާލައްވައިފި އެވެ.

ހިފާފައިވާ ގުދްސުގައި ވާހަކަ ދައްކަވަމުން ނަތަނިޔާހޫ ވިދާޅުވީ ޙަމާސް ބައިވެރިވެގެން އުފައްދާ ފަލަސްތީނުގެ ސަރުކާރަކާ އެކު ސުލްހައިގެ އެއްވެސް ވާހަކައެއްގައި އިސްރާއީލުން ބައިވެރިނުވާނެ ކަމަށާ އެސަރުކާރާއެކު އިސްރާއީލުން އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމުގަ އެވެ. އަދި ހަމާސާއި ފަތްހުގެ އެއްބަސްވުން އުވާލައި އެއެއްބަސްވުން ރައީސް ޢައްބާސްގެ ސަރުކާރުން ވީދާލަންޖެހޭ ކަމަށް ވެސް އިސްރާއީލުގެ ކަނާތުފިޔައިގެ ހަރުކަށި ޚިޔާލުގެ ބޮޑުވަޒީރު ނަތަނިޔާހޫ ވިދާޅުވި އެވެ.
ދެކޮޅުވެރިކަން ނައްތާލުމަށް ހަމާސާއި ފަތްހުން ސޮއިކުރި އެއްބަސްވުމާ ގުޅިގެން އިސްރާއީލުން ވަނީ ފަލަސްތީނާ އެކު ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް ވެސް ކެންސަލްކޮށްފަ އެވެ. ފަލަސްތީނުގެ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދު ގައިވާ ދެކޮޅުވެރިކަން ދޫކޮށް އެދެޖަމާއަތް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ އެކަން އިޢުލާން ކޮށްފައި ވަނީ މިދިޔަ ހަފްތާގަ އެވެ. މި އެއްބަސްވުމުގެ ދަށުން އެކުލަވާލާ ފަލަސްތީނުގެ ސަރުކާރުގެ ވެރިއަކަށް ހުންނަ ވާނީ ރައީސް މަހްމޫދު އައްބާހެވެ.

ޢައްބާސް ވަނީ ޙަމާސްއާއި ފަތްހު ޖަމާއަތް ގުޅިގެން އެކުލަވާލާ ސަރުކާރުން އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލާ މުޢާމަލާތް ކުރާނެކަން ހާމަކުރައްވާފަ އެވެ. މިގޮތުން ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތް ގުޅިގެން ފަލަސްތީނުގައި އުފެއްދުމަށް ހަމަޖެހިފައިވާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން އިސްރާއީލަކީ ދައުލަތެއް ކަމަށް އިއުތިރާފްވާނެ ކަމަށް ޢައްބާސް ވިދާޅުވެފައިވެ އެވެ.

ޢައްބާސް ވިދާޅުވެފައި ވަނީ ފަލަސްތީނުގެ މިހާރުގެ ސަރުކާރުން އިސްރާއީލާ ކުރާ މުޢާމަލާތްތައް ޙަމާސްއާ ބައިވެރިވެގެން އުފައްދާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ވެސް އިސްރާއީލާ އެކު ކުރާނެ ކަމަށާ ނަމަވެސް ފަލަސްތީނުގެ އެއްބައިވަންތަކާއި ހަމަޖެހުން ނަގާލެވޭ ފަދަ ގޮތަކަށް ދެން މަސައްކަތް ނުކުރެވޭނެ ކަމުގަ އެވެ. އިސްރާއީލު ރުއްސުމަށްޓަކައި ޙަމާސްއާއި ފަތްހު ޖަމާއަތުގެ އެއްބަސްވުން އުވައިނުލެވޭނެ ކަމަށް ފަލަސްތީނުގެ އެހެން މަސްއޫލުވެރިއަކުވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ބެލުމުގެ ދަށުން އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތަކާ ބެހޭ ގޮތުން ޢައްބާސް ވިދާޅުވީ އެވާހަކަތަކުން ނަތީޖާއެއް ނުރެވުމާއި ދޫދިނުމަށް އިސްރާއީލު ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުން ސުލްހައާ މެދު ފަލަސްތީނުގެ ރައްޔިތުން މާޔޫސްވެފައިވާ ކަމަށާ ނަމަވެސް ސުލްހައިގެ ވާހަކަތަކަށް އިތުރު ފުރްސަތެއް ދިނުމަށް ފަލަސްތީނުން އަދިވެސް އޮތީ ތައްޔާރަށް ކަމުގަ އެވެ. މިގޮތުން ޝަރުތުތަކަކާ އެކު އިތުރު މުއްދަތަކަށް ސުލްހައިގެ ވާހަކަތައް ދިގުދެންމުމަށް ފަލަސްތީނުން އެއްބަސްވެދާނެ ކަމަށް ޢައްބާސް ވިދާޅުވި އެވެ.

އެމެރިކާގެ ބެލުމުގެ ދަށުން މިދިޔައަހަރުގެ ޖުލައި މަހު ފަލަސްތީނުން އިސްރާއީލާ އެކު ފެށި ސުލްހައިގެ ވާހަކަތައް އިސްރާއީލުން ދޫނުދިނުމުގެ ސަބަބުން ނާކާމިޔާބުވެފައިވާ އިރު އެވާހަކަތަކުގެ މުއްދަތު އަންނަ މޭމަހުގެ ފަހުކޮޅު ހަމަވާނެއެވެ. ސުލްހައިގެ ވާހަކަތައް އިތުރު މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް އިސްރާއީލުން ފަލަސްތީނުގެ ކިބައިން ކުރިން އެދިފައިވީނަމަވެސް ޙަމާސްއާ ގުޅިގެން އުފައްދާ ފަލަސްތީނުގެ ސަރުކާރާ އެކު ސުލްހައިގެ އެއްވެސް މުއާމަލާތް ނުހިންގާނެ ކަމުގެ އިންޒާރު އިސްރާއީލުންވަނީ ދީފަ އެވެ.

އެމެރިކާއިން ވަނީ ޙަމާސްއާ ގުޅިގެން ފަލަސްތީނުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައިފިނަމަ އެމެރިކާ އިން ފަލަސްތީނަށް ދެމުންދާ އެހީތައް ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. (ނޫސްއެޖެންސީތައް)