28 Apr 2014, 08:23
ދުވަސްކޮޅެއް ކުރިއެވެ. ހެނދުނު އޮފީހަށް އައިސް ފުރަތަމަ ހަދަން ޖެހުނީ ކަންބޮޑުވާންޖެހޭ ހަބަރެކެވެ. އެއީ ގަލޮޅު މޫނިމާގޭ ކުރިމަތީގައި ހުންނަ ދަރުމަވަންތަ މިސްކިތަށް ފަތިހުގެ ވަގުތެއްގައި ބަޔަކު ވަދެ އެތަނުގެ ތެރެއިން ބައެއް ތަކެތި ވަގަށް ނަގައި ގެއްލުންތައް ދިން ކަމުގެ ހަބަރެވެ.
ތިމާ އަމިއްލަ އަށް މިސްކިތަށް ވަދެނުލާ އުޅުނު ކަމުގައިވި ނަމަވެސް މިސްކިތަކީ އެތައް ބައެއްގެ އަގީދާއާ ގުޅިފައިވާ ހުރުމަތްތެރި ތަނެކެވެ. އެކަމަކު ވައްކަން ކުރުމާއި އިސްލާމް ދީނާ ހިލާފް އެތައް ކަމެއް ކުރަމުންދާ ހާއްޔަކަށް މިސްކިތްތައް މިއޮތީވެފަ އެވެ.
"މިސްކިތުން ބަރާބަރު ވައްކަން ކުރަނީ. ފާހާނާ މަތި ވަގަށް ގެންދަނީ. މިސްކިތު ބޮކި ވަގަށް ގެންދަނީ. މައިކް ވަގަށް ގެންދަނީ. އަހަރެން ބޮޑުމީހާ ކައިރި އެ ވާހަކަ ބުނަނީމާ ޕޮލިސް ވެސް އަންނަނީ،" އިމާދުއްދީން މިސްކިތް ބަލަހައްޓާ ބިދޭސީ މީހާ ބުންޏެވެ.
މާލޭ މިސްކިތްތަކާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ވިދާޅުވީ މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެންމެ ގިނައިން ވަގަށް ގެންދަނީ މިސްކިތްތަކުގެ ފެން ޕަންޕު ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް މިސްކިތަކުން ބޫޓުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފަ އެވެ. މިސްކިތައްދާ މީހުންގެ ފައިވާން ނުވަތަ ބޫޓްތައް ވަގަށް ނެގުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.
މާލެގެ މިސްކިތްތަކަށް ބަލާ އިރު މިސްކިތްތަކުގެ ފާރުތަކުގައި ވެސް ހުތުރު ބަހުން ލިޔެފައިވާ ތަން ފެނެ އެވެ. އެގޮތުން ބައެއް ސިޔާސީ ޕާޓީތަކަށް ނިސްބަތްކޮށް ހުތުރު ބަހުން ލިޔެފައިވައިވާ އިރު ބައެއް މިސްކިތްތަކުގެ ފާރުތަކުގައި އަންހެން ކުދިންގެ ނަމާއި ނަމްބަރު ލިޔެފަ ހުންނަތަން ފެނެ އެވެ. އެގޮތަށް ގިނައިން ލިޔެފައި ހުންނަނީ މިސްކިތްތަކުގެ ފާހާނާތަކުގަ އެވެ. ލިޔެފައި ގިނައިން ހުންނަނީ ގަލަމާއި މާކަރު ފަދަ ތަކެތި ބޭނުން ކޮށްގެނެވެ.
މިސްކިތްތަކުގެ ފާހާނާތަކަށް ބަލާއިރު ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. މިއީ ގިނަ މިސްކިތްތަކުގެ ހާލަތެވެ. ފާހާނާތަކުގެ ދޮރުގެ ތަޅު ހުންނާނީ މަދު މިސްކިތެއްގަ އެވެ. މިސްކިތް ސާފު ކުރާ ފަރާތްތަކުން ބުނާގޮތުން ނަމަ މިސްކިތު ފާހާނާއެކޭ "ޕަބްލިކް ޓޮއިލެޓް" އެކޭ އެއް ވެސް ތަފާތެއް ނެތެވެ. އޭގެ ތެރެއިން ބައެއް މީހުން ފާހާނާކޮށް ސާފު ނުކޮށް ދާކަމަށް ވެސް މިސްކިތް ބަލަހައްޓާ ފަރާތްތަކުން ބުނެ އެވެ.
"ބައިވަރު މީހުން އަންނަނީ. ފާހާނާކޮށް ސާފްވެސް ނުކުރަނީ. ކޮންމެ ދުވަސް ބޮޑު ހަޑިކުރަނީ. އެއްޗިސް ހަލާކުކުރަނީ،" ފުރުގާން މިސްކިތް ސާފް ކުރާ ބިދޭސީ މީހާ ބުންޏެވެ.
މިސްކިތްތަކުން ވައްކަން ކުރާ މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމުން މިސްކިތްތަކުގައި ކުރާ ނޭދެވޭ ކަންކަމުގެ މައްސަލަތަކުގެ ތަފްސީލްތައް އެ މިނިސްޓްރީއަށް ނޭނގޭ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ނަމަ އެއީ ވަރަށް ހިތާމެވެރި ބިރުވެރިކަމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތް ތެރޭގައި ހަޑިކުރުމުގެ އިތުރުން މިސްކިތައް ބޭނުންވާ ސާމާނު ނުލިބުމަކީ ވެސް މިއަދު ދިމާވެފައިވާ މައްސަލައެކެވެ. އެގޮތުން ބައެއް މިސްކިތްތަކުގެ މައިކާއި އެފަދަ ބައެއް ސާމާނުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ބައެއް މިސްކިތްތަކުގައި ދިމާވެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ޝަހީދު އަލީ މިސްކިތުގައި ހުކުރު ނަމާދު ކުރެއްވި ޚަތީބު ގަމަތްދީ ނިމުމުން އެ މިސްކިތަށް މައިކެއް ހަދިޔާ ކުރުމަށް ގޮވާލައްވައިފި އެވެ. ހުކުރު ޚުތުބާ ވިދާޅުވުމަށް ފަހު ގަމަތްދީ ނިމުމުން ޚަތީބު ވިދާޅުވީ އެ މިސްކިތުގެ މައިކުގައި މައްސަލަ ޖެހިފައިވާތީ އެކަން ހައްލުކޮށްދިނުމަށް މިދިޔަ އަހަރު މާލޭ ސިޓީ ކައުންސިލްގައި އޭނާ އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމަ އަށް ވެސް އެކަން ހައްލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ވެސް އެބަ އޮތެވެ. މިސްކިތްތައް ފޮޅާ ސާފު ކުރާ މީހުންނާ ވާހަކަ ދައްކާލުމުން މިސްކިތްތަކަކީ މަސްތުވާތަކެތި ފޮރުވުމަށް ވަރަށް "ރަނގަޅު" ތަނަކަށްވެފައިވާ ކަން އެނގުނެވެ.
"ޕާޓޭ [މަސްތުވާތަކެތި ބޭނުން ކުރާ] މީހުން އަންނަނީ. އެމީހުން ސިގިރޭޓް ބޮނީ ވެސް މިސްކިތު ތެރޭގައި. އެމީހުން ސަކަރާތް އެއްޗެހި [މަސްތުވާތަކެތި] ފޮރުވަނީ ވެސް މިސްކިތް ތެރޭގައި. ނިދަނީ ވެސް މިސްކިތުގެ ތެރޭގައި،" ފުރުގާން މިސްކިތް ފޮޅާ ސާފް ކުރުމާއި ހަވާލުކޮށްފައިވާ ބިދޭސީއަކު ބުންޏެވެ.
މިސްކިތްތަކަށް އަޅުކަން ކުރަން ނޫން ގޮތެއްގައި ވަދެ އެތަންތަނުގެ ހުރުމަތް ކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަމިއްލަ އަށް މިސްކިތަށް އިހުތިރާމް ނުކުރި ނަމަވެސް އިހްތިރާމް ކުރާ ބަޔަކު ވެސް ތިބިކަން ދަންނަންޖެހެ އެވެ. މިސްކިތްތަކަކީ އަޅުކަމަށް ހާއްސަ ތަންތަނެވެ. ބޭނުންހާ މީހަކު ވަދެ އެތަންތަނުގައި ހިތުހުރިހާ ކަމެއް ކުރަން އޮތް ތަނެއް ނޫނެވެ.