އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖްކަޕްގައި ގައުމީ ފުޓްބޯޅަ ޓީމުން ބޭނުންކުރާނެ ޝިއާރެއް ކަނޑައެޅުމަށް ރައްޔިތުންނާ ގުޅިގެން ކުރުމަށްދާ މަސައްކަތުގެ ދަށުން ފަސް ޝިއާރެއް ސޯޓް ލިސްޓްކޮށްފި އެވެ.

ޝިއާރުތައް ކަނޑައެޅުމުގެ މަރުހަލާތައް ގޮސްފައިވާ ގޮތަށް ބަލާއިރު އެންމެ ފުރަތަމަ އެފްއޭއެމާއި މީޑިއާ ގުޅިގެން "އެފްއޭއެމް މީޑިއާ ކޮމޮޓީ ފޮ އޭއެފްސީ ޗެލެންޖް ކަޕް 2014" ގެ ނަމުގައި ކޮމެޓީއެއް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ މީޑިއާތަކުން މި މުބާރާތުގައި ބޭނުންކުރާނެ ޝިއާރެއް ކަނޑައެޅުމުގެ ފުރުސަތު ހުޅުވާލުމުން ލިބުނު ދުއިސައްތަ އާއި ގާތްކުރާ ވަރަށްކަށް ޝިއާރާއި ބެހޭގޮތުން މަޝްވަރާކުރުމަށް ފަހު މި ޝިއާރުތައް ސަތާރަ ޝިއާރަށް މަދު ކުރީ މީޑިއާ ކޮމިޓީންނެވެ. އެއަށް ފަހު މި ސަތާރަ ޝިއާރު އެންމެ ފަހުން ފަސް ޝިއާރަށް މަދުކޮށްފައި ވަނީ އެފްއޭއެމުން މި ޝިއާރުތައް ފާސްކުރުމަށް އެކުލަވާލި ކޮމިޓީންނެވެ.

އެ ފަސް ޝިއާރު ޝޯޓް ލިސްޓްކޮށްފައި ވަނީ އެފްއޭއެމުން އެކުލަވާލި ކޮމިޓީ އަކުންނެވެ. ޝޯޓް ލިސްޓްކޮށްފައިވާ ޝިއާރުތަކަކީ:

1- މަގޭ ގައުމު - މަގޭ ޓީމް
2- އާ ޖޯޝެއް - އާ އުއްމީދެއް
3- އެއް ޓީމެއް - އެއް އަމާޒެއް
4- އެހިތްވަރު - އެފަންވަރު
5- ގައުމަށްޓަކައި – އެއްމެން އެކުގައި

އެފްއޭއެމް އިން ބުނީ، ޝިއާރުތައް ޝޯޓް ލިސްޓުކުރެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ދިވެހި ބަހުގެ އިލްމުވެރިއެއް ކަމަށްވާ ކަށިމާ އަހުމަދު ޝާކިރާއި އެފްއޭއެމްގެ ކުރީގެ ރައިސް އަބްދުﷲ ޝުކޫރު އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު އަހުމަދު ވިޝާމް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު އެވެ. މި ނަންތައް މި ކޮމިޓީން ޝޯޓްލިސްޓްކޮށްފައި ވަނީ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި ވިސްނުމަށްފަހު ކަމަށް ވެސް އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.

އެފްއޭއެމް އިން ބުނީ، ޝިއާރުތަކަށް ވޯޓް ދިނުމުގެ ފުރުސަތު ރާއްޖޭގެ މީޑިއާތަކާއި ގުޅިގެން ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށާއި ޝިއާރެއް ކަނޑައެޅުމުގައި ބަލާނީ އާންމުންގެ 60 ޕަސެންޓް ވޯޓާއި ޝިއާރު ފާސްކުރަން ކަނޑައަޅާފައިވާ ކޮމިޓީގެ 40 ޕަސެންޓް ވޯޓެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ޝިއާރެއް ކަނޑައެޅުމުގައި ވީހާވެސް ބޮޑަށް ރައްޔިތުންގެ ހިއްސާއެއް އޮންނަ ގޮތަށް މި ކަންކުރުން. މި މުބާރާތަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ހިއްސާ އޮވެގެން ކުރިއަށް ދާ މުބާރަތަކަށް ހަދަން އެފްއޭއެމުން ބޭނުން ވަނީ މި ފުރުސަތުގައި ޝިއާރުތައް ފޮނުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން،" އެފްއޭއެމްގެ ރައިސް އިލްހާމް އަހުމަދު ވިދާޅުވިއެވެ.