އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އަތުން 2-0 ލަނޑުން ޗެލްސީ މޮޅުވުމުން ލީގު ހޯދުމަށް ޗެލްސީއިން ކުރާ މަސައްކަތައް އިތުރު ހިތްވަރެއް ލިބިއްޖެ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު މިނެޓުގެ ތެރޭގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ޑެމްބަ ބާ އެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދަނޑަށް ވަދެތިބި ލިވަޕޫލްގެ ރަތް ކުލައިގެ ސަޕޯޓަރުންގެ އަޑު ހުއްޓުމަކަށް އައީ މެޗުގެ 93 ވަނަ މިނެޓުގައި ޗެލްސީއިން ލަނޑެއް ޖަހާ މެޗުގެ ލީޑް ދެ ވަނަ ފަހަރަށް ފުޅާކޮށްލުމުންނެވެ. އެލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ މިޑްފިލްޑަރ ވިލިއަން އެވެ.

މިރޭ ޗެލްސީ އަތުން ލިވަޕޫލަށް ތިން ޕޮއިންޓު ގެއްލުނު ކަމުގައި ވިޔަސް، ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި 80 ޕޮއިންޓާެކު އަދި އޮތީ ލިވަޕޫލެވެ. އަދި މިރޭ ލިވަޕޫލްގެ ފޮނި އުންމީދުތަކަށް ހުރަސް އަޅާ، މެޗް ދިފާއުކުރި ޗެލްސީ އޮތީ 78 ޕޮއިންޓާއެކު ލީގުގެ ދެ ވަނަ މަގާމް ގައެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗް މޮރީނިއޯ ބުނީ، ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައި ލީގުގެ އެއް ވަނަ މަގާމްގައި އޮތް ލިވަޕޫލާ ދެކޮޅަށް މިރޭ ނިކުތީ ހިތް ވަރާއެކު މެޗުން މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށާއި އެކަން ހާސިލްވެގެން ދިޔައީ ކުޅުންތެރިން މިރޭ ދެއްކި ހިތް ވަރުގެ ސަބަބުން ކަމަށެވެ.

ލީގުގައި ބާކީ ޗެލްސީއަށް ވެސް ދެމެޗް އޮތް އިރު ލިވަޕޫލަށް ވެސް އޮތީ ދެމެޗް ކަމަށް ވުމުން، ކުރިއަށް އޮތް ދެމެޗުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން މުހިންމު ކަމަށް ވެސް މޮރީ ނިއޯ ބުންޏެވެ.
ލީގުގައި ޗެލްސީ ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނޯވިޗް ސިޓީއާ ދެކޮޅަށެވެ. އަދި ލިވަޕޫލުން ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ މަހުގެ ހަވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށެވެ. އަި ލީގުގައި ޗެލްސީ ކުޅޭ އެންމެ ފަހުމެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ނިކުންނާނީ ކާޑިފް ސިޓީއާ ދެކޮޅަށެވެ. އަދި ލީގުގައި ލިވަޕޫލް ކުލޭ އެންމެ ފަހު މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ނިކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ.