ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ސްޓޫޑަންޓް އިންޓާންޝިޕް ޕްރޮގްރާމް، "ދަސްވާރު"ގެ ދަށުން އަމީނިއްޔާ ސްކޫލްގެ ފަސް ދަރިވަރަކު އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އިން ފުރުސަތު ދީފި އެވެ.

އައިއޭއެސްގައި ދަސްވަރު ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް އެކަމުގެ ރަސްމީ ލިޔުން ހަވާލުކުރުމަށް މިއަދު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހަފްލާއެއްގައި ވަނީ މިނިސްޓްރީ އާއި އައިއޭއެސް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

އެ އެމްއޯޔޫގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑިރެކްޓަރު ސަމީރާ އަލީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އައިއޭއެސްގައި ދަސްވަރު ޕްރޮގްރާމްކުރާ އަމީނިއްޔާ ސްކޫލްގެ ފަސް ކުދިން އެ ޕްރޮގްރާމް ފުރިހަމަ ކުރާނީ އައިއޭއެސްގެ މާލެ އޮފީހުގެ ޓިކެޓިން އެންޑް ރިޒަވޭޝާން ޑިޕާޓްމަންޓްގައި ކަމަށެވެ. އަދި އެ ކުދިން ހަފްތާއަކު ތިން ދުވަހު އައިއޭއެސްގައި ހުނަރު ދަސްކުރަން އުޅޭނެ ކަމަށާއި އަނެއް ދެ ދުވަހު އެކުދިން ކިޔަވާނީ ސްކޫލުގައި ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ދަސްވަރު ޕްރޮގްރާމްގެ ދަށުން އައިއޭއެސްގައި ހުނަރު ދަސްކުރާ އަމީނިއްޔާ ސްކޫލްގެ ފަސް ކުދިންގެ އެ ކުދިންގެ ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.