ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފި އެވެ.


އައިޖީއެމްއެޗްގެ މީޑިޔާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އައިޖީއެމްއެޗްގެ ސެކިއުރިޓީ ބެލެހެއްޓުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.


ނަމަވެސް އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި މިހާރު ސެކިއުރިޓީ ގާޑުން ތިބޭ ހުރިހާ ތަނެއްގައި ފުލުހުން ފޯރިމަރައި މުޅި ހޮސްޕިޓަކުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަން ފަށާނީ އަންނަ ހަފުތާއިން ފެށިގެން ކަމަށެވެ.


ޒީނަތު ވިދާޅުވީ މައި ހޮސްޕޮޓަލުގެ ސެކިއުރިޓީ ފުލުހުންނާ ހަވާލު ކުރުމަށް ފުލުހުންނާއެކު ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއްވެފައިވާ ކަމަށާއި އެ ވިސްނުން ގެންގުޅެންޖެހުނީ ހޮސްޕިޓަލުގެ ސެކިއުރިޓީ މައްސަލަތައް ވަރަށް ބޮޑުވެގެން ކަމަށެވެ.


އަންނަ ހަފުތާއިން ފެށިގެން ފުލުހުން އައިޖީއެމްއެޗްގެ ސެކިއުރިޓީއާ ހަވާލުވެ ފޯރި މަރަން ފަށާކަން ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ ޔަގީން ކޮށްދެއްވާފަ އެވެ.


އޭނާ ވިދާޅުވީ ސެކިއުރިޓީ މައްސަލަތައް ގިނަވެގެން އައިޖީއެމްއެޗްގެ ވެރިން ފުލުހުންނާއެކު ކުރި މަޝްވަރާތަކަށް ފަހު ހޮސްޕިޓަލުގެ ސެކިއުރިޓީ ހަރަދުނާ ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން ޕޮލިސް މިވަގުތު ތައްޔާރަށް އޮތް ކަމަށެވެ.


"މިހާރު ސެކިއުރީޓީ މައްސަލަތައް އެތާނގައި (ހޮސްޕިޓަލުގައި) ބޮޑުވެ އާންމުން ފަރުވާ ހޯދަން ދިއުމަށް ޖެހިލުންވޭ. ބަލިމުންނަށް އެއްވެސް ޔަގީންކަމެއް ނޯވޭ. ސެކިއުރިޓީ އިސޫތައް އެތާނގައި ބައިވަރު އެބަހުރި. އެހެންވީމާ ހޮސްޕިޓަލުގެ ސެކިއުރިޓީއާ ފުލުހުން ހަވާލުވަނީ،" ޝިޔާމް ވިދާޅުވި އެވެ.


އައިޖީއެމްއެޗްގެ ސެކިއުރީޓީ ބެލެހެއްޓުމާ ފުލުހުން ހަވާލުވާއިރު އެ ހޮސްޕިޓަލުގެ ސެކިއުރިޓީ ހިދުމަތް މިހާރު އޮންނީ ކޮންޓްރެކްޓް އުސޫލުން، އަމިއަލް ސެކިއުރިޓީ ފާމެއް ކަމަށްވާ ސަންރައިސްއާ ހަވާލުކޮށްފަ އެވެ.


ޒީނާތު ވިދާޅުވީ ހޮސްޕިޓަލުގެ ސެކިއުރިޓީއާ ފުލުހުން ހަވާލުވާތީ ސައިންރައިސް ގެ ކޮންޓްރެކްޓް މިހަފުތާގައި އުވައިލާނެ ކަމަށެވެ.


"އެ ކޮންޓެރެކްޓް ޓާމިނޭޓްކުރަން ވާހަކަތައް ދައްކަމުން މިދަނީ،" ޒީނަތު ވިދާޅުވި އެވެ.