27 Apr 2014, 21:20
ރާއްޖޭގެ ފިލްމީ ދާއިރާގައި ދެވޭ އެންމެ ބޮޑު އިނާމް، "އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސް" އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖައްސާފައި ވާއިރު، ބެލުންތެރިންގެ އެސްއެމްއެސް އިން ދޭ "ވިއުއާސް އެވޯޑް" އަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އިން ބުނީ، ވިއުއާސް އެވޯޑަށް ހުޅުވާލާފައި ވަނީ ފިލްމް އެވޯޑްސް ގައި ބައިވެރިކޮށްފައިވާ ފީޗާ ފިލްމް ކެޓަގަރީގެ ހަ ފިލްމް ކަމަށެވެ. ވިއުއާސް އެވޯޑަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އެވޯޑް ދިނުމަށް ހަމަޖެހިފައިވާ 29 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ހުޅުވާލާފައިވާ ކަމަށް އެމްއެފްއޭ އިން ބުންޏެވެ.
ވިއުއާސް އެވޯޑަށް އެސްއެމްއެސް ފޮނުވާނީ އެމްއެފްއޭ ޖެއްސެވުމަށް ފަހު ހުސްތަންކޮޅެއް ދެއްވުމަށްފަހު ފިލްމަކަށް ދެވިފައިވާ އަކުރު ޖެއްސެވުމަށްފަހު އުރީދޫ އަދި ދިރާގު ކަސްޓަމަރުން ވެސް 2020 އަށެވެ.
އެގޮތުން ތިރީގައި އެވަނީ ފިލްމް އެސޯސިއޭޝަނުން ފިލްމްތަކަށް ދީފައިވާ އަކުރުތަކެވެ.
A. މި ހަށިން ފުރާނަ ދަންދެން
B. ދިލަކަނި
C. ފަތިސް ހަނދުވަރުގެ ފެށުން
D. އިނގިލި
E. ބޮޑީގާޑް
F. ލަވް ސްޓޯރީ
މި އަހަރުގެ ފިލްމް އެވޯޑްސް ގައި ފީޗާޑް ފިލްމް ކެޓަގަރީން ހަ ފިލްމެއް ބައިވެރިކޮށްފައިވާ އިރު، 15 ދާއިރާއަކުން ވަނީ އެ ކެޓަގަރީއަށް އެވޯޑް ދިނުމަށް ނިންމާފަ އެވެ.
އެގޮތުން ފީޗާޑް ފިލްމް ކެޓަގަރީގައި ބައިވެރިކޮށްފައިވާ ހަ ފިލްމްގެ ތެރެއިން އެންމެ ގިނަ ދާއިރާތަކުން ނޮމިނޭޓް ވެފައިވަނީ، ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރުގެ ދެ ވަނަ ފީޗާޑް ފިލްމުގެ "ދިލަކަނި" އެވެ. ދިލަކަނީގެ ފަހަތުން އެންމެ ގިނަ އެވޯޑަށް ވާދަކުރަނީ މަޝްހޫރު ނެށުންތެރިޔާ އަދި ޑައިރެކްޓަރު ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ ފިލްމު "އިނގިލި" އެވެ.