27 Apr 2014, 20:43
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ އާމިނަތު ރުކްޝާނާ އެ މަގާމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމާނީ ބަންޑާރަ ނާއިބާއި ރައީސް އޮފީހުގެ ގާނޫނީ ޓީމުގެ ލަފާ ހޯއްދެވުމަށް ފަހު ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ އޭނާގެ ނަން އަނބުރާ ގެންދަވަން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައި ވަނިކޮށެވެ. އޭނާގެ ނަން ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފައި ވަނީ އޭނާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ އެވަގުތެއްގައި އޮންނަ ސަރުކާރަކަށް ފެންނަ ނަންފުޅެއް މަޖިލީހަށް ފޮނުވުމާއި، ނަން އަބުރާ ގެންދިއުމުގައި ވަކި ސަބަބެއް އޮންނާކަށް ނުޖެހޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ޓީމުންނާއި ބަންޑާރަ ނައިބުގެ ލަފާފުޅާ އެއްގޮތަށް އެކަމާއި ގުޅޭ މަޝްވަރާތައް ރައީސް ހޯއްދަވާނެ. ހޯއްދެވުމަށްފަހު ލިބިވަޑައިގަންނަވާ މަޝްވަރާއެއްގެ އަލީގައި ދެން އެކަަން ކުރިއަށް ގެންދަވާނީ،" މުއާޒް ވިދާޅުވި އެވެ.
ޕީއައިސީގެ މެމްބަރު ކަމަށް ރުކްޝާނާ އައްޔަން ކުރަން ފާސްވީ 29 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.