ކަސްޓަމަސްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށް ހަދާފައިވާ އުސޫލަކީ ގަވާއިދާ ޚިލާފު އުސޫލެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން އެ އުސޫލު ބާތިލްކޮށްފި އެވެ.

މުވައްޒަފުންނަށް ޕްރޮމޯޝަންދިނުމަށް ކަސްޓަމްސް އިން އެކުލަވާލި އުސޫލު ސިވިލް ކޯޓުން ބާތިލްކޮށްފައި ވަނީ ގދ. މަޑަވެލި، ދިނަށަ މުހައްމަދު ޒިޔާޖު އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ. މައްސަލަ ހުށަހެޅި ފަރާތަކީ ކަސްޓަމްސްގެ މުވައްޒަފެކެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަލަށް އެކުލަވާލި ޕްރޮމޯޝަން ދިނުމުގެ އުސޫލުގައި ބައެއް މަގާމްތަކަށް ކަނޑައަޅާފައިވާ ޝަރުތުތައް، މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އޮފިސަރުންނާއި އެހެނިހެން މަގާމުގެ ޝަރުތުތަކާ ތައާރަޒުވާ ކަމަށެވެ.

ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މަގާމުގެ ޝަރުތުތަކަށް އުނިއިތުރެއް ގެންނަން ފެނިއްޖެނަމަ، އެކަން ކުރަންޖެހޭނީ މުވައްޒަފުންގެ ގަވާއިދު އިސްލާހުކޮށްގެންކަން ކަސްޓަމްސްގެ ގާނޫނުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

""ކަސްޓަމްސްގެ ގާނޫނުން ބާރުލިބިގެން ހަދައި ގެޒެޓުކޮށްފައިވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 ގެ ޖަދުވަލު 9 ގައި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މަގާމުގެ ޝަރުތުތައް ކަމަށް ބުނެފައިވާ ޝަރުތުތަކާއި ތައާރަޒުވާ އަދި އެ ގަވާއިދުގައި ނުހިމެނޭ އެންމެހައި ޝަރުތުތައް ބާތިލް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.