27 Apr 2014, 19:46
އިމާރާތް ކުރުމަށް ބޭނުންވާ ސަމާނުތަކާއި ހިދުމަތްތައް އެއް ތަނަކުން ފެންނާނެ ގޮތް ހަމަޖެއްސެމަށް ޓަކައި ކޮންސްޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކޮންމެ އަހަރަކު ބާއްވާ މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ 2014 އާ ގުޅުވައިގެން އެސްޓީއޯއިން "ހިޓާޗީ އިކޯ އެގްޒިބިޝަން" ފަށައިފި އެވެ.
"ހިޓާޗީ އިކޯ އެގްޒިބިޝަން" ގައި ތިމާވެއްޓާ ރައްޓެހި ހިޓާޗީ ބްރޭންޑްގެ އިންވާޓާ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އިތުރުން އެއާކޯން ތަކާއި ފެންޕަންޕް އަދި އެހެނިހެން ގިނަ ޕްރޮޑަކްޓް ތަކެއް ހިމެނޭ އެ އެގްޒިބިޝަން ކުރިޔަށްދަނީ ދަރުބާރުގޭ ހަކުރާ މާލަމްގައެވެ.
އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ އެ އެގްޒިބިޝަންގެ ބޭނުމަކީ ދިވެހިންގެ ދިރިއުޅުމާއި ދިވެހިންގެ މުސްތަޤުބަލަށް ޓަކައި ތިމާވެއްޓާއި ރައްޓެހި ޕްރޮޑަކްޓް ތަކެއް ވިއްކުން ކަމަށެވެ. އެގޮތުން އިންވާޓާ ހަރުކޮށްފައި ހުންނަ ޕްރޮޑަކްޓް ތަކުން %60 ޕަސެންޓް ކަރަންޓާއި ފެނުގެ ހަރަދު ސަލާމަތް ކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އެ އެގްޒިބިޝަނުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ އެގްޒިބިޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ޕްރޮޑަކްޓްތަކެއް ގެނެސް ވިއްކުމަށް އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މިއަދު ފެށި އެގްޒިބިޝަންގައި ވިއްކާ ޕްރޮޑަކްޓް ތަކަކީ އެފަދަ ޕްރޮޑަކްޓްތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ތިމާވެއްޓާ ރައްޓެހި ޕްރޮޑަކްޓް ތަކެއް ވިއްކުމަށް. މިއަދު މި ފެނިގެންދާ ޕްރޮޑަކްޓް ތަކަކީ އެފަދަ ޕްރޮޑަކްޓް ތަކެއް. އަޅުގަނޑުމެން މިއަދު ކުރާ ކޮންމެ މަސައްކަތަކީ އެއީ މާދަމާގެ ދަރިންނަށް ފައިދާވާނެ ކަމަކަށް ވާން އެބަޖެހޭ،" އާޒިމް ވިދާޅުވިއެވެ.
ހިޓާޗީގެ މުޅިން އާ ތިން ޕްރޮޑަކްޓެއް އެސްޓީއޯގެ ފަރާތުން މާދަމާ ލޯންޗް ކުރާއިރު، ކުރިޔަށް އޮތް ތާގައިވެސް މިފަދަ ޕްރޮޑަކްޓް ތައް ގެނައުމަށް މަސައްކަތް ކުރައްވާނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.