27 Apr 2014, 19:21
މާދަމާ ބާއްވާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި ފަހު ބަސް ވިދާޅުވާން މެމްބަރުންނަށް ފުރުސަތު ދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
މާދަމާ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ވެސް ފަހު ބަސް ވިދާޅުވާން މެމްބަރުނަނަށް ފުރުސަތު ދިނުމަށެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ފަހު ޖަލްސާގައި ކޮންމެ މެމްބަރަކު ވެސް ވިދާޅުވާން ބޭނުންފުޅުވެވަޑައިގަންނަވާ އެއްޗެއް ވިދާޅުވުމަށް ތިން މިނިޓްގެ ފުރުސަތެއް އަރުވާނެ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މާދަމާ ބޭއްވޭނީ މި ދައުރުގެ އެންމެ ފަހު ޖަލްސާ. އަދި ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ މަޖިލީހުގެ ފަހު ޖަލްސާއަށް ވެގެންދާނީ. އަޅުގަނޑު ގަސްތު ކުރަން ކޮންމެ މެމްބަރަކު ވެސް މާދަމާ ތިން މިނިޓްގެ ފުރުސަތެއް އަރުވަން އެ އިއްޒަތްތެރި މެމްބަރުން ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް،" މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވުމަށްފަހު، އެ މަޖިލިސް އެކުލަވާލީ މެއި 28، 2009 ގަ އެވެ. މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 28 އަށެވެ.
މަޖިލީހުގެ ފަހު ޖަލްސާ މާދަމާ ބާއްވާއިރު 77 މެމްބަރުން އިންތިހާބު ކުރި މަޖިލީހުގެ ހަތަރު ގޮނޑި ހުރީ ހުށަހެވެ. މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލަ ސާބިތުވެ ގޮނޑި ގެއްލިފައިވާއިރު، މުލަކު ދާއިރާގެ ގޮނޑި ފުރުއްވި އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރައީސުލްޖުމްހޫރިއްޔާއަކަށް ވެވަޑައިގަތުމުން އެ ދާއިރާގެ ގޮނޑި ހުރީ ފަޅުކޮށެވެ. އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ތަންފީޒު ކުރާ ޖިނާއީ ހުކުމާ ގުޅިގެން އޭނާއަށް މަޖިލީހަކަށް ނުވަދެވުމުން، އެ ގޮނޑި ވެސް މާދަމާ ހުންނާނި ހުހަށެވެ.