27 Apr 2014, 18:39
ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށް ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އުފެއްދުމަށް ބަޔާންކުރާ ބިލު، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ކޮމެޓީން ދިރާސާކޮށް ނިންމައިފި އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ ބިލު ދެ ފަހަރެއްގެ މަތިން މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުން، އެ ބިލު އަނބުރާ ފޮނުވާލީ މަޖިލީހަށެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު މަޖިލީހުން މިއަދު ފާސްކުރީ އިގްތިސާދީ ކޮމެޓީން އެ ބިލަށް ގެނައި 28 އިސްލާހަކާއެކުގަ އެވެ. އެ ބިލް ފާސް ކުރުމަށް 39 މެމްބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ބިލުގައިވާ ގޮތުން ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި ޕޭ ކޮމިޝަނެއް އުފައްދަން ޖެހެ އެވެ. ޕޭ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަންގެ ރައީސްއަކަށް އަޔަން ކުރަންވާނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމަށާއި ކޮމިޝަންގެ އައްޔަން ކުރާ ފަސް މެންބަރުން ވެސް މަގާމުގައި ދެމިތިއްބަވާނީ ފަސް އަހަރު ދުވަހަށެވެ. ފަސް މެމްބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ޕާޓްޓައިމް އުސޫލުން މަސައްކަތް ކުރާ މެންބަރުން ކަމަށް ބިލުގައި ބަޔާން ކުރެ އެވެ. އެ ކޮމިޝަންގެ މެންބަރުންނަށް މުސާރަ ކަނޑައަޅުއް ވާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޭ ކޮމިޝަންގެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީވެފައި އޮތަސް، އެ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.
ހަތާވީސް މާއްދާއެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި "ކޮންސިއުމާ ޕްރައިސް އިންޑެކްސް"އާ ވަޒަން ހަމަ ކުރާ މުސާރައެއް ކަނޑައަޅަންވާނެ އެވެ. އަދި އިންފްލޭޝަނަށް އިންޑެކްސް ކުރެވޭ މުސާރައަކަށް ދައުލަތުގެ މުސާރަ ވާން ޖެހޭނެ ކަމަށާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ދިރިއުޅެން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އިނާޔަތަތްތަކަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ލިބޭ އިނާޔަތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ދައުލަތައް ލިބިދޭ އާމްދަނީއަށް ބަލައި މުޅި ދައުލަތުގެ މުވައްޒަފުންނަށް ކަނޑައަޅާ މުސާރައަކީ އިޖުތިމާއީ އަދި އިގްތިސާދީ އަދާލަތުގެ މިންގަނޑުން ބަލާ އިރު، ގައުމުގެ މުއްސަނދިކަން ވީހާ ވެސް ގިނަ ފަރާތްތަކަކަށް ބެހިގެންދާ ފަދަ މުސާރައެއް ކަނޑައަޅަންވާނެ ކަމަށް ޕޭ ކޮމިޝަނަށް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު 2011 އަހަރު މަޖިލީހަށް ހުށަހެޅުއްވި މުސާރައިގެ ސިޔާސަތުގެ ބިލުގެ 18 ވަނަ މާއްދާގައިވާ ގޮތުން މުސާރައިގެ ސިޔާސަތުތަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުންތަކަށް އަމަލު ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ.