27 Apr 2014, 18:14
ދިވެހިރާއްޖޭ ފުޓްބޯޅަ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭޭ) ގެ ލަނޑުން ތައިލެންޑުގެ އޮސްޓްސްޕާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވެއްޖެ އެވެ.
އަންނަ މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ ޗެލެންޖް ކަޕަށް ތައްޔާރުވުމަށް ޓްރެއިނިންގް ކޭމްޕަށް ތައިލެންޑުގައި ތިން މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، ތައިލެންޑުގެ އެއް ވަނަ ޑިވިޝަނުގައި ކުޅޭ އޮސްޓްސްޕާއާ ދެކޮޅަށް ރާއްޖޭ ގަޑިން މިއަދު މެންދުރު 2:00 ގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ 1-0 ލަނޑުންނެވެ.
ކޯޗު ޑްރާގޯ މަމިޗްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ދަގަނޑޭގެ ލަނޑު ފެނިގެންދިޔައީ މެޗުގެ 74 ވަނަ މިނެޓްގަ އެވެ.
މިދިޔަ އަހަރު ތައި ޕްރިމިއާ ލީގުގައި އޮސްޓްސްޕާ ނިންމާލީ ލީގުގެ އަށް ވަނައިގައި އޮވެ އެވެ. އަދި މި ސީޒަނުގައި މިހާތަނަށް ކުޅުނު ދިހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ތައި ޕްރިމިއާ ލީގުގެ އެއްވަނަ ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭއިރު، ދެވަނަ ޓީމަށް ޕްލޭ އޯފްގެ ޖާގައެއް ލިބޭނެ އެވެ. އަދި ތިންވަނަ އަދި ހަތަރު ވަނަ ޓީމަށް އާސިއާން ސުޕާ ލީގުން ޖާގައެއް ލިބޭނެ އެވެ.
ގައުމީ ޓީމު ދެން ނުކުންނާނީ މި މަހު 29 ވަނަ ދުވަހު އެވެ. އެ މެޗު ކުޅޭނީ ތައިލެންޑުގެ 19 އަހަރުން ދަށުގެ ގައުމީ ޓިމާއި ދެކޮޅަށެވެ. އަދި ތައިލެންޑުގައި ކުޅޭ ފަހު މެޗަށް ގައުމީ ޓީމު ނުކުންނާނީ އަންނަ މަހު އެއްވަނަ ދުވަހު އެވެ. ފަހު މެޗު ކުޅޭނީ ތައިލެންޑުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ.
އެފްއޭއެމް އިން މައުލޫމާތު ދޭ ގޮތުގައި ގައުމީ ޓީމުގެ ތައިލެންޑް ދަތުރު ނިންމާލައި، އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. ޗެލެންޖް ކަޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ.