ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުން ހައުސިން މިނިސްޓްރީން ފަސްކޮށްފި އެވެ.

މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ކުރިން އޮތްގޮތުން ހަމަވާނީ އަންނަ ހަފްތާ ތެރޭގަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކުރުމަށް ހަމަޖެހިފައި ފްލެޓްތައް ދިނުމުގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ޕޮއިންޓް ދިނުމަށް ހަމަޖައްސާފައިވާއިރު، މާލޭގެ އެކި އާއިލާތަކުގެ ދިރިއުޅުން ބިނާވެފައިވާ ދަތި ހާލަތުގެ ސަބަބުންނާއި އެތައް އާއިލާއެއް އެއްކޮށް ދިރިއުޅެމުން ދިއުމުގެ ސަބަބުން ފޯމާއެކު ހުށަހަޅަންޖެހޭ ބައެއް މައުލޫމާތާ ގުޅޭ ގޮތުން މިނިސްޓްރީއަށް އެކި ސުވާލުތައް އަންނަމުންދާ ކަމަށެވެ.

އެގޮތުން އެ ފޯމްތައް ބަލައިގަތުން ލަސްކުރީ، ފޯމް ބަލައިގަަންނަން ފެށުމުގެ ކުރިން، ސޯޝަލް ހައުސިން އާ ބެހޭ ފަންނީ ކޮމެޓީއަށް އެކަންތައް ހުށަހަޅައިގެން ގޮތެއް ނިންމަން ބޭނުންވާތީ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ވަނީ، މިދިޔަ މާޗް މަހުގެ ތެރޭގައި ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކަށްވެސް ބަދަލުތަކެއް ގެނެސްފަ އެވެ.

ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިފްތިތާހު ކުރި އާ ސޯޝަލް ހައުސިން ސުކީމް ދަށުން އަޅަން ނިންމާފައި ވަނީ 1100 ފެލްޓް އެވެ. އަދި އެ ސްކީމް ބަހާލާފައި ވަނީ ތިން ކެޓަގަރީ އަކަށެވެ.

ސަރުކާރުން ތައާރަފްކުރި ތިން ކެޓަގަރީގެ ތެރެއިން ފުރަތަމަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާ އެކު، މާލޭގައި ރަށްވެހިވެފައިވާ މީހުންނަށެވެ. ދެވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ، އަތޮޅުތަކުގެ މީހުންނަށެވެ. އަދި ތިން ވަނަ ގެޓަގަރީ ހާއްސަ ކޮށްފައި ވަނީ މާލޭގެ ރަށްވެހިންގެ ތެރެއިން ބިމެއް އޮވެ، އެހެންނަމަވެސް ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު އެއްކޮށް ސަރުކާރަށް ދޭން އެއްބަސްވާ ފަރާތްތަކަށެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅުމަށް ދޫކުރަން ފެށި ފޯމް 12000 އަށް ވުރެ ގިނަމީހުން ހައުސިން މިނިސްޓްރީން ނަގާފައިވާއިރު، ހުށަހަޅާ ފޯމްތަކަށް މާކްސް ދިނުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށް ޓަކައި މިފަހަރު ފޯމްތައް ހުށަހަޅާ ފަރާތެއްގެ ހާޒިރުގައި ފޯމްތަކަށް ވަގުތުން މާކްސް ދޭން އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.