27 Apr 2014, 16:04
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް ހިންގުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި މައްސަލަ އަވަސްކޮށްދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވައިލި ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ހިލާފަށް އެކުލަވައިލި ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް ނަޝީދު ހުށަހެޅުއްވި މައްސަލަ އަވަސްކޮށްދިނުމަށް ހައިކޯޓުގައި އެދިވަޑައިގެންފައި ވަނީ މިއަދު ކަމަށެވެ.
"އެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން މިއަދު ވަނީ ހައިކޯޓަށް ސިޓީއެއް ފޮނުވާފައި،" ހަސަން ލަތީފް ވިދާޅުވި އެވެ.
އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ނަޝީދުގެ މައްޗަށް ދައުވާކޮށް ހުޅުމާލޭ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ހައިކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
ޖިނާއީ ދައުވާއެއް އުފުލިފައި އޮންނާތީ ނަޝީދަށް އަސާސީ ގިނަ ހައްގުތަކެއް ގެއްލިފައިވާ ކަމަށާއި އެގޮތުން މިނިވަކަމާ އެކީ ދަތުރުފަތުރު ކުރެވޭނެ ގޮތެއް އެމަނިކުފާނަށް ނެތް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ހުއްޓިފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ކޯޓުގެ އިސްފަނޑިޔާރު އަހްމަދު ޝަރީފް އަލީ ސަސްޕެންޑުކުރި ހިސާބުންނެވެ. އެއީ އެ މައްސަލަ ބައްލަވާ ބެންޗުގައި އޭނާ ހިމެނިވަޑައިގަންނަވާތީ އެވެ.
އިސްފަނޑިޔާރު ސަސްޕެންޑުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއްވާތީ އޭނާގެ ބަދަލުގައި އެހެން ފަނޑިޔާރަކު ހަމަޖައްސައިގެން އެފަދަ މައްސަލަތައް ބެލުމަށް ހައިކޯޓުން ފަހުން ވަނީ ނިންމައިފަ އެވެ.