ފޯ ސީޒަންސް ހޮޓެލް އެންޑް ރިސޯޓް އިން އޭވިއޭޝަން ބާޒާރަށް ނުކުންނަން ނިންމައިފި އެވެ.

ފަސް ތަރީގެ ރިސޯޓާއި ހޮޓެލް ހިންގުމަށް މަޝްހޫރުކަން ހޯދާފައިވާ ފޯ ސީޒަންސްގެ ރިސޯޓްތައް ރާއްޖޭގައި ވެސް ހިމެނޭ އިރު، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިހާރު ކުރަމުންދާ ވިޔަފާރި އެ ކުންފުނިން ވަރަށް ފުރިހަމަ އަށް ކުރަމުން ދެ އެވެ.

ކެނެޑާގެ ކުންފުނިން އޭވިއޭޝަނުގެ ދަތުރުތައް އަހަރުގެ 2015 ވަނަ އަހަރު ފަށާނީ ބޮއިންގް 757 ގެ އަމިއްލަ ފްލައިޓެއްގަ އެވެ. ކަޅު ކުލައިން ފެންނަ މި ފްލައިޓްގެ ޓެއިލްގައި ފޯ ސީޒަންސްގެ ލޯގޯ ހިމެނޭ އިރު، އެތެރޭގެ ފަރުމާތައް ކުރަނީ އެ ކުންފުނީގެ ޑިޒައިނިންގް ޓީމުންނެވެ.

މި ފްލައިޓްގައިވާ ސީޓުތައް ގޮދަޑިއަކަށް ހަދާލެވޭ އިރު، ފްލައިޓް ތެރެއިން ވަޔަލަސް އިންޓަނެޓްގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.

"މިއީ އަހަރެމެންގެ 50 އަހަރަށް ވުރެ ދިގު ހިދުމަތް އިތުރަށް ފުޅާކުރުމަށް ތައާރަފު ވެގެންދާނެ ވަރަށް ފުރިހަމަ ހިދުމަތަކަށް ވެގެންދާނެ،" ފޯ ސީޒަންސް މާކެޓިންގްގެ އެގްޒެކެޓިވް ނައިބު ރައީސް ސޫސަން ހެލްސްޓެބް ބުންޏެވެ.

ބޮއިންގް 757 އަކީ ދެ އިންޖީނު އެކުލެވޭ، ދިގު އަދި ކުރު ރާސްތާތަކަށް ދަތުރުކުރެވޭ ފްލައިޓެކެވެ.