ރާއްޖޭގެ ބާޒާރުގައި ގިނަ އަދަދެއްގެ ވަގު ޑޮލަރުތަކެއް ދައުރުވަމުންދާ ކަމަށް ފުލުހުންގެ ޕްރޮޕަޓީ އެންޑް ކްރައިމް ޔުނިޓުގެ ހެޑް ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވިދާޅުވެއްޖެ އެވެ.


އިސްކަންދަރު ބިލްޑިންގްގެ ކޮންފަރެންސް ހޯލުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނުން ޖަމްޝީދު ވިދާޅުވީ ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ބިދޭސީންގެ އަތުން ގިނަ އަދެއްގެ ސައްހަ ނޫން ޑޮލަރުތަކެއް ފެނިފައިވާ ކަމަށެވެ. އަދި މިހާރު ވެސް ރާއްޖޭގެ މާކެޓުގައި ސައްހަ ނޫން ޑޮލަރު ރޯލުވަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ބިދޭސީންގެ އަތުން ސައްހަ ނޫން ޑޮލަތުގެ ގޮތުގައި 4100 ޑޮލަރު އަތުލައި ގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.  


މީގެ އިތުރުން ފުލުހުން ވަނީ ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ބިދޭސީންގެ އަތުން ސައްހަ ނޫން 1645 ދިވެހި ރެވެނިއު ސްޓޭމްޕް ވެސް ހޯދައިފަ އެވެ. ނަމަވެސް އެމީހުން އެތަކެތި ތައްޔާރު ކުރިތަނެއް އަދި ހޯދިފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.


ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ބިދޭސީންގެ ފަރާތުން ވައްކަން ކުރުމާއި ސައްހަ ނޫން ފައިސާ ގެންގުޅުން ފަދަ ކަންތައްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ފުލުހުން އަންނަނީ ބުނަމުންނެވެ. އަދި މިފަދަ ކަންތައްތަކާ މެދު އެންމެން ވެސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.