27 Mar 2010, 10:43
14:30
މާލެތެރޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވުމުގައި ސަރުކާރުގެ ރޯލެއް ހިމެނެންޖެހޭ ކަމަށާއި، އެ ރޯލަކީ ގާނޫނުގެ ބާރު ފުރިހަމައަށް ހިންގުމާއި، ސުލްހަ މަސްލަހަތަށް ވާސިލުވުމަށް މަސައްކަތްކުރުން ކަމަށް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީދަތުރުފުޅާއި، ރާއްޖޭގައި މާދަމާ ފެށޭ ޑޯނަރ ކޮންފަރެންސާއި، އަދި މާލޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. ވަހީދު މިއަދު ވިދާޅުވީ، މިހާރު މާލެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެއަށް އެހީދިނުމަށް ޑޯނަރ ކޮންފަރެންސް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، އެ ކޮންފަރެންސަށް ރާއްޖެއިން ބޭރުން 90 ވަރަކަށް ބޭފުޅުން ވަޑައިގެން ތިއްބެވި ވަގުތެއްގައި މިފަދަ ކަންތައްތައް ހިންގުމަކީ އެ ފަރާތްތަކުން ވިސްނަންޖެހިދާނެ ކަންތައްތަކެއް ކަމަށާއި، ހަމަނުޖެހުން ހިންގުން ހުއްޓާލައި، އެ މެހްމާނުންނަށް، ދިވެހިންގެ ރީތި ސުލޫކާއި ދިރިއުޅުން ދައްކަވައިދެއްވުމަށް، އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ބޭފުޅުންނަށާއި، ހުރިހާ ފަރާތްތަކަކަށް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި މި ދަނޑިވަޅުގައި އެ ކޮންފަރެންސަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ވެސް ޑރ. ވަހީދު އެދިވަޑައިގެންނެވި އެވެ.
ޑރ. ވަހީދު އަދި ވިދާޅުވީ، މިހާރު މާލެތެރެއިން ފެނިގެން މިދާ މަންޒަރަކީ، ހިތާމަކުރަންޖެހޭ މަންޒަރެއް ކަމަށެވެ. އަދި އެ މަންޒަރަކީ ޢާންމުކޮށް ދިވެހި ރައްޔިތުންނާ ދޭތެރޭގައި ދުނިޔެ ދެކޭގޮތާ ޚިލާފު މަންޒަރެއް ކަމަށާއި، ތަޞައްރުފު ފުދިފައިވާ ބޮޑެތި މީހުން، މާލޭގެ މަގުތަކުގައި، އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ގާއުކުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މަޖިލީހުގެ ތަޅުމުގެ ތެރޭގައި، އެއްބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަތްލައި ތަޅާފޮޅާ މަންޒަރަކީ، މިއަދު ކޮންމެ ދިވެހި ރައްޔިތަކު ވެސް ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ މީހުންގެ ތެރެއިން ދެވަނައަށް މިޤައުމުގައި ހުރި އެންމެ އިސް މީހެއްގެ ޙައިޘިއްޔަތުން އެކަމާ ދޭތެރޭގައި އެމަނިކުފާނު ހިތާމަކުރައްވާ ކަމަށާއި ދިވެއްސެއްގެ ޙައިޘިއްޔަތުން ލަދުވެތިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހިނގަމުންމިދާ އިންތިގާލީ މަރުހަލާގައި، ޑިމޮކްރަސީގެ އާ ނިޒާމް ހިންގުމަށްޓަކައި މަސައްކަތްކުރަމުންދާއިރު ދިމާވާ ކަންތައްތަކަށް ހައްލު ހޯދަންޖެހެނީ މަގުމަތިން ނޫން ކަމަށާއި ވާހަކަ ދައްކަގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަން ކުރެވޭނީ ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކައިގެން ކަމަށާއި، އެކަމުގައި ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހަމަނުޖެހުންތަކުގައި އާއްމުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެއްވެސް ފަރާތަކަށް ނުޖެހި ގާނޫނުގައިވާ ގޮތަށް ފުލުހުން ކަންތައްތައް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނާއިބު ރައީސް އަދި ވިދާޅުވީ، 90 އަށް ވުރެ ގިނަ ގައުމާއި ޖަމާއަތްތަކުން ބައިވެރިވެގެން، މާދަމާ އިން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ބަނޑޮހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސްގައި ފަސް ދާއިރާއަކުން އެހީ ހޯދުމަށް ހުށަހެޅޭނެ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބަޖެޓަށް މިއަހަރަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމާއި، އިޤްތިޞާދީ ގޮތުން ޤައުމަށް މިހާރު ގެންނަވަމުން ގެންދަވާ ބަދަލުތައް ފަހިކުރުމަށްޓަކައި، ބޭރުގެ އެހީ ހޯދުމުގެ އިތުރުން، ޑިމޮކްރަސީ އާއި އެކިއެކި މުއައްސަސާތައް ވަރުގަދަ ކުރެއްވުމަށްޓަކައި އެހީ ހޯދުން ހިމެނެ އެވެ. އަދި ސަރުކާރުގެ އިދާރާތައް ވަރުގަދަ ކުރައްވައި، މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމާއި، ސަރުކާރު ހިންގުމުގެ ކަންތައްތައް ވަރުގަދަ ކުރުމަށް އެހީ ހޯދުމާއި، އިޖްތިމާޢީ ތަރައްޤީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ދިމާވެދާނެ ދަތި ކަންތައްތަކުން ސަލާމަތްވުމަށް އެހީ ހޯދުން ހިމެނޭ ކަމަށް ވެސް ޑރ.ވަހީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ބަޖެޓް ޑިފިޓަށް ބޭނުންވާ ފައިސާގެ ތެރެއިން 40 މިލިޔަން ޑިލަރު މި ކޮންފަރެންސުން އެހީގެ ގޮތުގައި ކިބިގެން ދާނެ ކަމަށެވެ.