27 Apr 2014, 15:46
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސް އާއި މިދިޔަ އަހަރު އަލަށް އުފެއްދި ފެކަލްޓީ އޮފް ސައިންސް އާއި ބިޒްނަސް ސްކޫލަށް ޑީނުން އައްޔަންކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ، ފެކަލްޓީތަކުގެ ޑީންގެ މަގާމުތަކަކީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރެވޭ މަގާމުތަކެއް ކަމަށެވެ. އަދި ފެކަލްޓީ އޮފް ސައިންސް އަށާއި ބިޒްނަސް ސްކޫލަށް ޑީނުން އައްޔަން ކުރެވުނު މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ޔުނިވާސިޓީން ބުންޏެވެ.
ޔުނިވާސިޓީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފެކަލްޓީ އޮފް އާޓްސްގެ ޑީން އަކަށް އައްޔަންކުރައްވާފައި ވަނީ، އެ ފެކަލްޓީގެ ޑީން އަކަށް ކުރިން ވެސް ހުންނެވި އަދި ޔުނިވަސިޓީގައި ވަޒީފާ އަދާކުރައްވާތާ 25 އަހަރު ވެފައިވާ އަބްދުއްރަޝީދު އަލީ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ، ޑީންގެ މުއްދަތު ފުރިހަމަވުމާ ގުޅިގެންނެވެ.
ސައިންސްގެ އެކިއެކި ދާއިރާ އިން ރާއްޖެ އަށް ބޭނުންތެރި މަތީ ތައުލީމުގެ ކޯސްތައް ހިންގުމާއި އިލްމީ ދިރާސާ ކުރުމަށްޓަކައި ގައުމީ ޔުނިވާސިޓީގައި އަލަށް އުފެއްދި ފެކަލްޓީ އޮފް ސައިންސްގެ ޑީން އަކަށް އައްޔަންކުރެއްވީ، މެސީ ޔުނިވަރސިޓީއިން ފުޑް ޓެކްނަލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ، ޑރ. ޝަޒްލާ މުހައްމަދު އެވެ.
ވިޔަފާރިއާއި ހިންގުމުގެ ދާއިރާ އިން ރާއްޖެއަށް ބޭނުންވާ ކޯސްތައް ހިންގައި އިލްމީ ދިރާސާ ކުރުމަށް ގައުމީ ޔުނިވާސިޓީގައި އުފައްދާފައިވާ ބިޒްނަސް ސްކޫލްގެ ޑީން އަކަށް ކުރިއަށް އޮތް ހަތަރު އަހަރަށް އައްޔަންކުރެއްވީ، ވޭތުވެ ދިޔަ ހަތަރު އަހަރު ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގްގެ ޑީންގެ މަގާމުގައި ހުންނެވި ޝަތީފު އަލީ އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ އަލަށް އުފެއްދި ފެކަލްޓީ އޮފް ސައިންސް އާއި ބިޒްނަސް ސްކޫލްގެ ކޯސްތައް މިދިޔަ ޖެނުއަރީން ފަށައިގެން ހިންގަމުން އަންނަ ކަމަށެވެ.