ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ޕާކިސްތާންގެ ސަފީރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ޕާކިސްތާންގެ ސަފީރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 43 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. ނުފެންނަ ކަމަށް އެއް ވެސް މެންބަރެއް ވޯޓް ދެއްވާފައެއް ނުވެއެވެ.

ޕާކިސްތާންގެ ސަފީރު ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ފޮނުއްވި މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތު ކޮމެޓީން ވެސް ވަނީ ފާސްކޮށްފަ އެވެ.

"އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ފޮނުއްވާފައިވާ މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ ނަންފުޅު ކޮމެޓީން ދިރާސާ ކުރައްވައި ނިންމެވުމަށް ފަހު އެމަނިކުފާނަކީ އެމަގާމަށް އައްޔަން ކުރުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ،" ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މޭޖާ ޖެނަރަލް ރިޓިޔާޑް މޫސާ އަލީ ޖަލީލު އެ މަގާމަށް އައްޔަން ކުރުމާމެދު މެންބަރުންގެ މެދުގައި ހިޔާލްތަފާތުވެފައިވެ އެވެ. އެގޮތުން މެންބަރުންގެ މެދުގައި ހިޔާލްތަފާތުވެފައި ވަނީ މޫސާ އަލީ ޖަލީލަކީ ސިފައިންގެއިން ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކަށްވެފައި މިހާރު ވެސް ދައުލަތުން އެމަނިކުފާނަށް ބޮޑެތި އިނާޔަތްތަކެއް ދެމުންގެންދަވާ ބޭފުޅަކަށްވާތީ އެވެ. އެހެން ކަމުން ސަފީރު ކަަމަށް އެމަނިކުފާން އައްޔަން ކުރުމަކީ އެމަނިކުފާނަށް އިތުރު މުސާރައާއި އިނާޔަތްތަކެއް ދައުލަތުން ދޭން ޖެހޭނެ ކަމަކަށްވާތީ އެވެ.

މޫސާ އަލީ ޖަލީލް ވަނީ ދާދި ފަހުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރައްވައފަ އެވެ.

މޫސާ އަލީ ޖަލީލް އަކީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ގައުމީ ބަތަލެކެވެ.