މީހުން ދިރިއުޅުމަށް ބިމެއް ހިއްކައިދީފި ނަމަ އެ ބިމުގެ 50 ޕަސެންޓު، އެ ބިން ހިއްކައިދިން ފަރާތައް އަމިއްލަވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލް ފާސްވެފައި ވަނީ 43 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއް ވެސް މެންބަރެއް ވޯޓް ދެއްވާފަ އެއް ނުވެއެވެ.

ނާޒިމް ރަޝާދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، ބާޑިޖަހައިގެން އަމިއްލަ އަށް މޫދުން ބިން ހިއްކައިގެން ދިރިއުޅުމަށް ދޫކުރާ ގޯތިން ހިއްކާ ބިމުގެ 50 ޕަސެންޓު، ބިން ހިއްކާ ފަރާތުން އިތުރު އަގެއް ސަރުކާރަށް ދެއްކުމަކާ ނުލައި އަމިއްލަ ކުރުމުގެ އިހްތިޔާރު ބިން ހިއްކާ ފަރާތަށް ލިބިދެވެ އެވެ. އަދި އެގޮތަށް އެ ބިން އަމިއްލަ ކުރުމުގެ އިހްތިޔާރު ލިބިދެވޭނީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނުގެ ދަށުން ލިބިފައިވާ އިހްތިޔާރުގެ ދަށުންނާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭނާ އެގޮތަށެވެ.

ބިމާ ބެހޭ ގާނޫނަށް ނާޒިމް ރަޝާދު އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައީސް ވަހީދުގެ ވެރިކަމުގައި 13 ނޮވެމްބަރު 2012ގަ އެވެ.

ބިން ހިއްކާ ފަރާތައް ބިމުގެ 50 ޕަސެންޓު ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައި ވަނީ ބިމާ ބެހޭ ގާނޫނަށް އިތުރު ކުރާ ވަކި މާއްދާއްގެ ގޮތުގަ އެވެ.

ނާޒިމް ރަޝާދު ހުށަހެޅުއްވި އިސްލާޙުގައި އިތުރަށް ބުނެފައި، ވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނު ވުޖޫދަށް އައުމުގެ ކުރިން އެ އުސޫލުން ދިރިއުޅުމަށް ހިއްކަފައިވާ ބިން ބިމާއި ގޯތިގޯއްޗާ މެދުގައި ވެސް އަމަލުކުރަން ޖެހޭނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

އަމިއްލަ ފަރުދުންނަށް އެއްގޯތި އަނެއްގޯއްޗާ ބަދަލު ކުރެވިދާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެގޮތުން އަމިއްލަ ބިން ކަމުގައި ބަޔާންކުރާ ބިން، އަމިއްލަ ބިމަކާ ލާޖެއްސުމަށް ގާނޫނު ހުރަހެއް ނާޅާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިމާ ބެހޭ ގާނޫނަށް ނާޒިމް ރަޝާދު ހުށަހެޅުއްވި އިސްލާހު ފާސްވުމުން އެ އަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރީއްޔާ އެ ބިލް ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.