27 Apr 2014, 15:27
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗަކީ ރެއާލް މެޑްރިޑްގެ އެންމެ މުހިންމު މެޗު ކަމުގައި އެ ކްލަބުގެ ބްރެޒިލް ޑިފެންޑަރު މާސެލޯ ބުނެފި އެވެ.
ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅެ ރެއާލް ވަނީ 4-0 ލަނޑުން މޮޅުވެ، ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެމެދު އޮތް ތަފާތު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. މެޗުގައި ރެއާލް އަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރަމޯސް އާއި ސްޕެއިން ޑިފެންޑަރު ޑެނިއަލް ކާވޭޖަލް އެވެ.
މާސެލޯ ބުނީ، ލަލީގާގައި ތިން ޕޮއިންޓް ލިބުމުން އުފާކުރާ ކަމަށާއި ދެން ރެއާލް އިން ވިސްނަންވީ އަންނަ އަންގާރަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގާއި މެދު ކަމަށެވެ.
"މި މޮޅާ މެދު އަހަރެމެން އުދާކުރަން. އަހަރެން ދެން ޖެހޭނީ އަންގާރަ ދުވަހު ކުޅޭ މެޗަށް ރެސްޓް ކުރަން. އެއީ ވަރަށް މުހިންމު މެޗެއް،" ބްރެޒިލް ޑިފެންޑަރު ބުންޏެވެ. "ބަޔާންއާ ދެކޮޅަށް ކުޅޭ މެޗަކީ އެންމެ މުހިންމު މެޗުކަން އަހަރެމެންނަށް އެނގޭ. އެ މެޗަށް އަހަރެމެން ނުކުންނަން ޖެހޭނީ ހަމަޖެހިގެން ހުރެ،"
ލަލީގާގައި މިދިޔަ މަހު ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅެ 5-0 ލަނޑުން މޮޅުވި މެޗަށް ފަހު، މާސެލޯ އަށް ކުރިމަތިވި އަނިޔާއިން ސަލާމަތްވެ، ރޭ ރެއާލްގެ ފުރަތަމަ އެގާރައިން އަލުން އޭނާ ވަނީ ފެނިފަ އެވެ.
"އަލުން ޓީމާ އެކު ކުޅެލަން މިހިރީ ވަރަށް އުފާވެފައި،" މާސެލޯ ބުންޏެވެ. "އަހަރެން އަބަދު ވެސް ޓީމަށް އެހީތެރިވާން ބޭނުން. ޑޮކްޓަރުންގެ ޓީމުން އަހަރެން 100 ޕަސެންޓް ފިޓްކޮށް ދިނުމަށް ވަރަށް މަސައްކަތް ކުރި. އަހަރެން ފިޓްވެފައި ހުއްޓާ ޓީމަށް ނޭރުވުމުން ހިތްހަމަނުޖެހުމަކީ އާންމު ކަމެއް. ކޯޗު އެކަންތައް ނިންމާނީ. އަހަރެން ބޭނުން ވަނީ ގިނަ މެޗުތަކެއް ކުޅެ ޓީމަށް އެހީތެރިވާން،"
ޗެމްޕިއަންސް ލީގު ސެމީގެ ދެވަނަ ލެގުގައި ބަޔާންއާ ދެކޮޅަށް ރެއާލް ނުކުންނާނީ ރާއްޖެ ގަޑިން އަންނަ އަންގާރަ ދުވަހުގެ ރޭ 11:45 ގަ އެވެ. މި މެޗު ކުޅޭނީ ބަޔާންގެ އާލިއަންޒް އެރީނާގަ އެވެ. ފުރަތަމަ ލެގު މެޗުން ރެއާލް މޮޅުވީ 1-0 ލަނޑުންނެވެ.