ދެ މީހަކަށް ނުވަތަ އެއަށް ވުރެ ގިނަ ބަޔަކަށް އެއްވަރަށް ބެހޭގޮތަށް ހުންނަ އެއްމެދު އިމަރާތްތަކުގައި ހިމެނޭ ފްލެޓްތައް ވަކިން ރަހުނުކޮށް ވިއްކުމަށް ބިމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

ބިމާ ބެހޭ ގާނޫނުގެ 19 ވަނަ މައްދާ އަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅި އިސްލާހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްވެފައި ވަނީ 43 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ބިލް ފާސްކުރަން ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

ބިމާއި ބެހޭ ގާނޫނަށް ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ 15 ޖުލައި 2013 ގައެވެ. އަދި ބިލްގެ ބަހުސްކޮށް އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީގެ ކޮމެޓީއަށް ފޮނުވާފައި ވަނީ 23 ޖުލައި 2013 ގަ އެވެ.

ބިމާއި ބެހޭ ގާނޫނަށް ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙުގައި ބުނެފައި ވަނީ، އެ ގާނޫނުގެ 19 ވަނަ މާއްދާއަކީ އެ ގާނުނުގެ (ހ) ކަމުގައި ހަމަޖައްސައި އޭގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

ބިމާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަތްކަކުން ނުވިއްކޭނެ އެވެ. އަދި، އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް އެބިމާ ވަތްކަކުން ރަހުނެއް ނުކުރެވޭނެ ކަމަށެވެ.

ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ، އެއްމެދު އިމަރާތަކީ ވަކި ހައިސިއްޔަތެއް ލިބިގެންވާ އިމަރާތްތަކަށް ވުމާއެކު އެއްމެދު އިމަރާތާއި އިމާރާތުގެ ފްލެޓްތަކާއި ގުޅޭގޮތުން ކުރާ މުއާމަލާތްތައް އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާ ވެގެންވާނެ ކަމަށެވެ.

ބިމާއި ބެހޭ ގާނޫނަށް ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހް ފާސްވުމުން އެއަށް އަމަލު ކުރަން ފަށާނީ، ރައީސުލް ޖުމްހޫރީއްޔާ އެ ބިލް ތަސްދީގް ކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.