ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކްރިމިނަލް ކޯޓުގެ ގާޒީ ގއ. މާމެންދޫ، ރަތްމަސްގެ، މުހުތާޒު މުހުސިން ކުރިމަތިލައްވައިފި އެވެ.

މުހުތާޒު އެ މަގާމަށް ކުރިމަތިލެއްވީ ހުސްވެފައިވާ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް އޮފީހުން ހުޅުވާލި ދެ ފުރުސަތުގަ އެވެ.

މުހުތާޒަކީ މަރުގެ މައްސަލަތަކާއި ނުރައްކާތެރި ކުށްވެރިނާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ބޮޑެތި މާރާމާރީތަކުގެ މައްސަލަތަކުގައި އަވަސް ނިޔާ ކަނޑައަޅުއްވާ ބޭފުޅެކެވެ. އަދި މަޖިލީހުން ދިރާސާ ކުރާ ޖިނާއީ އިޖުރާއަތުގެ ބިލާއި ހެއްކާ ބެހޭ ބިލަށް ފަންނާ ލަފާ އޭނާ ވަނީ ދެއްވާފަ އެވެ.

މުހުތާޒުގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލައްވާފައި ވަނީ ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ، މަރިޔަމް ޒުލްފާ އާއި، މިހާރު ވެސް ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލު ދަފްތަރު އައިޝަތު ފަޒްނާ އަހުމަދު އާއި މިހާރު ވެސް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމުގެ އިތުރުން ދަފްތަރު، މުހައްމަދު ޝާހު އެވެ.

ރައީސް އޮފީހުގެ ތަރުޒަމާނު އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ޕީޖީގެ މަގާމަށް މިހާރު ހުށަހަޅުއްވާފައިވާ ފަސް ބޭފުޅުންގެ ނަންތައް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދިރާސާ ކުރައްވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭގެ ތެރެއިން ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

އެ މަގާމަށް ކުރިން ކުރިމަތިލެއްވި ބޭފުޅުންގެ ތެެރެއިން ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދުގެ ނަން މަޖިލީހުން ފާހެއް ނުވެ އެވެ. އޭނާގެ ނަން މަޖިލީހުން ފާސް ނުވީ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. ޖުމްލަ މެމްބަރުންނަނީ 39 މެމްބަރުންގެ ވޯޓެވެ. މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 36 މެމްބަރުންގެ ވޯޓެވެ.