ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށް، އަލަށް އެކުލަވާލެވިފައިވާ ޑްރާފްޓަށް އާއްމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ސީއެސްސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ގަވާއިދަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން އަލަށް އެކުލަވާލައިފައިވާ ގަވާއިދުގެ ޑްރާފްޓަށް ކޮމެންޓް ކުރަން ބޭނުންވާ ފަރާތްތަކުން ކޮމެންޓް ކުރާނެ ފޯމެއް އެ ކޮމިޝަންގެ ވެބްސައިޓުގައި ޑައުންލޯޑްކުރެވޭނެ އެވެ.

އަލަށް އެކުލަވާލައިފައިވާ ޑްރާފްޓަށް ވީހާ ވެސް ގިނަ ބަޔެއްގެ ހިޔާލު ހުށަހެޅުމަކީ ސިވިލް ސާވިސް ގަވާއިދު އިތުރަށް ހަރުދަނާކޮށް އެގަވާއިދު އެންމެ ފުރިހަމަ ގަވާއިދަކަށް ހެދުމަށް އެކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަލަށް އެކުލަވާލެވުނު ގަވާއިދުގެ ޑްރާފްޓާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ފޯރަމެއް އަންނަ އަންގާރަ ދުވަހުގެ ރޭ ސިވިލް ސާވިސްގެ ޓްރޭނިންގް އިންސްޓިއުޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު އަމަލްކުރަމުން ގެންދާ ސިވިލް ސާވިސްގެ ގަވާއިދަކީ 2010 ވަނަ އަހަރުން ފެށިގެން އަމަލް ކުރަމުން އަންނަ ގަވާއިދެކެވެ.