ވަޒީފާ އަދާ ކުރާ ތަންތަނާއި ތައުލީމުދޭ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި މިނޫސް ވެސް އިޖުތިމާއީ ހިދުމަތްދޭ ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހުއްޓުވުމަށް ޓަކައި މަޖިލީހަށް ހުށަހެޅި "ޖިންސީ ފުއްރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ބިލް،" މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ ބިލް މަޖިލީހުން މިއަދު ފާސްވީ ވޯޓުގައި ބައިވެރިވި 44 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް ފާސް ކުރުމާ ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލުގައިވާ ގޮތުން މަދުވެގެން 30 މުވަޒަފުން ތިބޭ ކޮންމެ އޮފީހެއްގައި އެފަދަ މައްސަލަތައް ބަލަން، ކޮމެޓީއެއް ހަދަން ލާޒިމްކޮށްފަވެ އެވެ. އަދި ޝަރުއީ ކޯޓުތަކުގައި ހިނގާ އެފަދަ މައްސަލަތައް ބެލުމަށް ވެސް ކޮމެޓީ އުފައްދަން ޖެހޭނެ އެވެ.

އެ ބިލްގައިވާ ގޮތުން ޖުޑިޝަރީ ތެރޭގައި ހިނގާ އެފަދަ މައްސަލަތައް ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވައި ތަހުގީގް ކުރާ ކޮމެޓީއެއް އުފައްދަން ޖެހޭނެ އެވެ. އަދި ބިލުގައިވާ ގޮތުން ރާއްޖޭގެ ކޯޓުތަކުގެ ތެރެއިން 30 މުވަޒިފުންނަށް ވުރެ މަދުން މަސައްކަތް ކުރާ ތަންތަނުގައި ހިނގާ އެފަދަ މައްސަލަތައް ހުށަހަޅަން ޖެހޭނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި ގާއިމް ކޮށްފައިވާ ކޮމެޓީ އަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމަށް ޓަކައި އޮފީސްތަކުގައި ހަދާ ކޮމެޓީގައި އެފަދަ އަމަލެއް ކޮށްފައިވާ މީހެއް ނުވަތަ އެފަދަ އަމަލެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް އެ ކޮމެޓީގައި ހުރެގެން ނުވާނެ އެވެ. އަދި އެފަދަ މައްސަލަތައް ބަލާ ކޮމެޓީގައި މަދުވެގެން އެއް އަންހެނަކު އިންނަން ޖެހޭނެ އެވެ. އަދި އެ ކޮމެޓީގެ އެންމެ އިސްވެރިއަކީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާ އެވެ.

އޮފީސް މާހައުލުގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ނުވަތަ ގޯނާ ކުރިކަން މުވަޒިފެއްގެ މައްޗަށް ސާބިތު ވެއްޖެ ނަމަ އެ މީހަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން އެ މީހަކަށް ފުރަތަމަ ނަސޭހަތްތެރި ވެވިދާނެ އެވެ. އަދި ލިޔުމުން ވެސް އެންގިދާނެ އެވެ. ނުވަތަ އަދާކުރަމުންދާ ވަޒީފާ އިން ސަސްޕެންޑް ވެސް ކުރެވިދާނެ އެވެ. ނުވަތަ އަދާކުރަމުންދާ ވަޒީފާ އަށް ވުރެ ދަށް މަގާމަކަށް ވެސް ބަދަލު ކުރެވިދާނެ އެވެ. އަދި މައްސަލައިގެ ބޮޑު ކުޑަމިނަށް ބަލާފަ ސީދާ ވަޒީފާ އިން ވަކި ވެސް ކުރެވިދާނެ އެވެ.

ވަޒީފާ އަދާ ކުރާ އަންހެނުންނާއި އަދި ވަޒީފާ ހޯދުމަށް އަންނަ އަންހެން ކުދިންނަށް ދިމާވާ ޖިންސީ ފުރައްސާރަތަކާ ގޯނާ ކުރުންތަކާ ގުޅިގެން، އޮފީސް މާހައުލުގައި ކޮށްގެން ނުވާނެ ގިނަ ކަންތައްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ވަޒީފާއެއް ލިބޭނީ ވަޒީފާ ދޭ ފާރާތުން ހިންގާ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ބަލައިގަނެގެން ކަމަށް ހީކުރެވޭ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށް އެ ބިލުގައި ވެ އެވެ. އަދި ވަޒީފާ ދިނުމުގައި ބަލާ މިންގަނޑެއް ކަމަށް، ވަޒީފާ އަށް އެދޭ ފަރާތައް އެއްވެސް މިންވަރަކަށް ހީކުރެވޭ ފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. އަދި ޖިންސީ ފުރައްސާރަ ބަލައިގަންނަ މުވައްޒަފަކަށް ވަޒީފާގައި ދެމި ހުރުމާއި ވަޒީފާގެ ކުރި އެރުން ލިބޭނެ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށާއި ހަމަހަމަ ގޮތެއްގައި ހުރިހާ ފަރާތްތަކާ ދޭތެރޭގައި އަމަލުތައް ބަހައްޓަންވާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

މަރުކަޒުތަކުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން ނާޖާއިޒު ފައިދާ ނަގައިގެން އެ މީހުނަށް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާން ކުރެ އެވެ. އެގޮތުން މަރުކަޒުތަކުގައި ބަލަހައްޓަމުންދާ ކުޑަކުދިންނާއި މުސްކުޅިންނާއި ނުކުޅެދޭ މީހުންގެ އިތުރުން އެހެން ބަޔަކަށް ވެސް ޖިންސީ ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ބިލަކީ، ރައީސް ވަހީދުގެ ސަރުކަރުގެ ފަރާތުން، މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.