27 Apr 2014, 14:34
ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ބިދޭސީ ކޮންމެ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިހާރު ނަގާ 18 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރު (385 ރުފިޔާ) ނެގުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށްފި އެވެ.
ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ޕަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލް ފާސްވީ ވޯޓުގައި ބައިވެރިވި 32 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 25 ޑޮލަރު ނެގުމަށް ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވެސް މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުން އެ ބިލު ފާސް ނުކޮށް މަޖިލީހުން ބޭރުކޮށްލީ އެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެެރިކަމަށް ވަޑައިގަތުމަށްފަހު އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އެ ބިލް އަނެއްކާވެސް މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރުގެ މަހުގެ 24 ވަނަ ދުވަހު އެވެ.
އާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 25 ޑޮލަރު ނެގުމަށް ހުށަހެޅި ބިލް ފާސްވުމުން އެ ބިލުގައި ބުނެފައިވާ ގޮތުން އެއާޕޯޓް ސާވިސް ޗާޖު ނަގަން ފަށާނީ އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުންފެށިގެންނެވެ.